ދެ އަހަރު ތެރޭ އައިވީއެފްއަށް ހަތް މިލިއަން، 23 މީހުންނަށް ފަރުވާ ކާމިޔާބު
އާސަންދައިގެ ދަށުން ދަރިމައިވުމުގައި ދަތިތައް ހުންނަ މީހުންނަށް ފޯރުކޮށްދޭ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑަށް ދައުލަތުން މިދިޔަ އަހަރާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަތް މިލިއަން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނެރުނު ތަފާސްހިސާބުން ދައްކައިފިއެވެ. އެންސްޕާއިން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންސްޕާއިން ފާޓިލިޓީ ކެއާއަށް ޚަރަދުކުރީ 4.78 މިލިއަން ރުފިޔާއެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ދެ އަހަރު ތެރޭ ކުރި ޖުމްލަ ޚަރަދު ވަނީ 7.13 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، އެންސްޕާއިން މި ދެ އަހަރު ތެރޭ 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިވެދީފައިވެއެވެ. އޭގެ ތެރެއިން ފަރުވާ ކާމިޔާބުކޮށްފައިވަނީ 23 މީހުންނެވެ. https://x.com/NSPAmaldives/status/1988631898239676750 "ސަން"އަށް މިއަދު މައުލޫމާތުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށެވެ. އެގޮތުން 100 މީހުންގެ ތެރެއިން 93 މީހުންނަށް ފަރުވާ ދެވިފައިވާއިރު އެކި ސަބަބުތަކާ ގުޅިގެން ބާކީ ބައެއް ދެމަފިރިން ފަރުވާ ފަށާފައިނުވާ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވިގޮތުގައި، އައިވީއެފް ފަރުވާއަށް ޝަރުތު ހަމަވި ބައެއް އަންހެނުން، ފަރުވާ ފެށުމުގެ ކުރިން މާބަނޑުވުމުގެ ސަބަބުން ލިސްޓުން އުނިކޮށްފައިވެއެވެ. އަދި، ވަގުތު ނުލިބޭތީ ފަރުވާ މިހާތަނަށް ފަށާފައިނުވާ ދެމަފިރިންވެސް ލިސްޓުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވިގޮތުގައި ވަގުތު ނުވުމުގެ ސަބަބުން ހަތް ދެމަފިރިއެއްގެ ނަން، ޕްރޮގްރާމުން އުނިކޮށްފައިވެއެވެ. އަދި ޝަރުތު ހަމަވީ މީހުންގެ ތެރެއިން އެކަކު އަމިއްލައަށް އެދިގެން ޕްރޮގްރާމުން ވަކިވި ކަމަށްވެސް އޭނާ މައުލޫމާތުދެއްވިއެވެ. ހީނާ ވިދާޅުވީ އައިވީއެފަށް އެކި މީހުންނަށް ހިނގާ ޚަރަދު ތަފާތު ވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ސައިކަލްއިން ކާމިޔާބު ވެއްޖެނަމަ ދެވަނަ ނުވަތަ ތިންވަނަ ސައިކަލްއަކަށް ދާން ނުޖެހޭނެ ކަމަށާއި އެ ހިސާބުން އެ މީހެއްގެ ޕްރޮގްރާމް ނިމުނީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައެއް މީހުން ތިންވަނަ ސައިކަލްއަކާ ހަމައަށް ދާން ޖެހޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެ ތިން ސައިކަލް ފުރިހަމަކުރާ މީހަކަށް ހިނގާ ޚަރަދު ތަފާތުވާނެކަން ހީނާ ފާހަގަކުރެއްވިއެވެ. "އެހެން ސީދާ ކޮންމެ ބޭފުޅަކަށް ޚަރަދުވާނީ މިހާވަރެކޭ [ނުބުނެވޭނެ] އެހެން ނަމަވެސް ތިން ސައިކަލްއާ ހަމައަށް ޚަރަދު ކުރެވޭނެވަރު އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށްވެސް މި ކަނޑައަޅައިދެނީ،" ހީނާާ ވިދާޅުވިއެވެ. މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ. https://sun.mv/198639 ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، ބޮޑެތި ޚަރަދުތައް ކޮށްގެން އައިވީއެފްގެ ފަރުވާ އާންމުކޮށް ރާއްޖެއިން ބޭރުން ހޯދަން ޖެހެއެވެ. އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ