ފުވައްމުލައް ފެނަށް ޖެހުން: ފެން ދޫކުރަން ފަށައިފި ކަމަށް ފެނަކައިން ބުނި ނަމަވެސް ގިނަ ގޭގެއަށް އަދިވެސް ފެން ނުލިބޭ ފުވައްމުލައް ފެނަށް ޖެހުން: ފެން ދޫކުރަން ފަށައިފި ކަމަށް ފެނަކައިން ބުނި ނަމަވެސް ގިނަ ގޭގެއަށް އަދިވެސް ފެން ނުލިބޭ

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަށް ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބޭ މައްސަލަ ހައްލުކޮށް، ގޭގެއަށް ފެން ދޫކުރަން ފަށާފައިވާ ކަމަށް ފެނަކައިން ބުނި ނަމަވެސް ގިނަ ގޭގެއަށް އަދި ވެސް ފެން ނުލިބޭ ކަމަށް އެ ރަށުން މައުލޫމާތު ދީފަ އެވެ.
ފެނަކަ އާ ހަވާލާދީ ފުވައްމުލަކު ގޭގެއަށް މިހާރު ފެން ލިބޭނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމުން މި ނޫހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ ފެން ދޫކުރަން މިހާރު ފަށާފައިވާ ކަމަށާއި ފެން ދޫކުރަން ޖެހެނީ ކޮންމެ ގެއަކަށް ވަކިން ގޮސްގެން ކަމުން އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
"ރޭގަ އެ މީހުން މަސައްކަތް ފަށްޓައިފި. އެކަމު ރޭގަ ގޭގެ ތަޅުލާފަ ހުރީމަ މިއަދު ހެދުނު ޕްރޮޑަކްޓިވްލީ ފެއްޓުނީ. އަޅުގަނޑުމެން މި ބަލަނީ މެންދުރު ކުރިއަށް ނިމޭނެ ކަމަށް. ގާތްގަނޑަކަށް 2،000 އެއްހާ ހައުސްހޯލްޑު އެއީ،" ނަޖާހު ވިދާޅުވި އެވެ.
ނަޖާހު މިހެން ވިދާޅުވީ ނަމަވެސް، މި ނޫހުން މިހާތަނަށް ސުވާލުކުރި ފުވައްމުލަކުގެ 20 އަށް ވުރެ ގިނަ ގޭބިސީތަކަށް އަދިވެސް ފެން ނުލިބެ އެވެ.
އަދަދު އިން ހެދި މި ކުޑަ ސާވޭގައި އެ ރަށުގެ ހުރިހާ އަވަށްތަކެއްގެ ގޭބިސީއަކުން މައުލޫމާތު ހޯދީމެވެ. އޭގެ ތެރޭގައި، ފެނަަކައިން ބުނާ "ކްރޮސް ކަނެކްޝަން" ހަދާފައި ހުރި ގެތަކާއި ހަމައެކަނި ސަޕްލައި ފެން ބޭނުންކުރާ ގެތަށް ވެސް ހިމެނެ އެވެ.
މިހާތަނަށް ގޭބިސީތަކަށް ފެން ދޫކޮށްފައިނުވާކަން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިސް މުވައްޒަފަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި، ފެން ދޫކުރަން ފެށިކަން ރަސްމީކޮޮށް ކައުންސިލަށް ނާންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެން ނުލިބުމާ ގުޅިގެން އިއްޔެ އާއި ރޭ ވަނީ ފުވައްމުލަކުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި މި ވަގުތު ކުރިއަށްދާ މުޒާހަރާގައި ބައިވެރިން ބުނަމުންދަނީ އެ ރަށަށް ސާފު ފެން ނުލިބުމަކީ ސަރުކާރުގެ ބޮޑު ފޭލިއާއެއް ކަމަށެވެ. އެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
"މި ސަރުކާރުން މި ވަނީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ރައީސުލްޖުމްހޫރިއްޔާ މި ވަނީ ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ރައްޔިތުންނަށް ފެން ފޯރުކޮށްދެވޭނެ ވަރުގެ ބަޔަކު މި ސަރުކާރަކު ނެތް،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ރަށުން ފެން ނުލިބޭ މައްސަލައިގައި ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަނީ އަންގާރަ ދުވަހު މެންދުރު އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެން ފޯރުކޮށްދޭން ފެށޭނެ ކަމަށް ވިދާޅުވެފައ އެވެ.
"ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ،" ހީނާ އިއްޔެ ވިދާޅުވި އެވެ.
އެކަމަކު، ހީނާ އެހެން ވިދާޅުވިތާ 24 ގަޑިއިރު ފާއިތުވިއިރު ވެސް ފުވައްމުލަކަށް އަދިވެސް ފެނެއް ނުލިބެ އެވެ. އަދި ފެނަކަ އާއި ސަރުކާރުން ވެސް އެ މައްސަލައިގައި މައުލޫމާތު ނުދޭތީ، މައްސަލަ ހައްލުނުވެގެން އުޅޭ ސަބަބެއް ސާފެއް ނުވެ އެވެ.
ފުވައްމުލަކުގައި މިވަގުތު 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިބި ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ. އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާ ތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ