އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، އެ ބަޖެޓުގެ 97 އިންސައްތަ ހަރަދުކުރަން ޖެހެނީ ހަމައެކަނި މުސާރައާއި އޮފީސް ހިންގުމަށް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާމިލް ވަނީ މިކަމުގެ ސަބަބުން ކޮމިޝަންގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ޝާމިލް ވިދާޅުވި ގޮތުގައި، އޭސީސީގެ ބަޖެޓު ސީލިންގަކީ 49.8 މިލިއަން ރުފިޔާ ނަމަވެސް، މަޖިލީހަށް ހުށަހަޅާފައިވަނީ 47.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރު، 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި އޮތް އަދަދަށް ވުރެ 9 އިންސައްތަ ދަށް އަދަދެކެވެ.
އެކަމާއި ގުޅިގެން ޝާމިލް ފާހަގަކުރެއްވި ގޮތުގައި، މިހާ ކުޑަ ބަޖެޓަކުން ކޮމިޝަންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
ބަޖެޓުގެ ތަފްސީލަށް ބަލާއިރު، މުވައްޒަފުންގެ މުސާރައާއި އިނާއަތްތަކަށް 78.3 އިންސައްތަ ނުވަތަ 37 މިލިއަން ރުފިޔާ ހަރަދުކުރެވެއެވެ. ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަހުގީގުތައް ހިންގުމަށް ބޭނުންވާ ދަތުރުތަކަށް ލިބިފައިވަނީ އެންމެ 0.3 އިންސައްތަ ނުވަތަ 130،000 ރުފިޔާ ކަމަށް ޝާމިލް ފާހަގަކުރެއްވިއެވެ.
"ރާއްޖެ މި އޮތް ގޮތުން މީގައި ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވާނެ،" ޝާމިލް ވިދާޅުވިއެވެ.
މީގެ އިތުރުން، އޮފީސް ކުއްޔަށް އެކަނި 10 އިންސައްތަ ހަރަދުކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭސީސީ ހިންގަނީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށްވުމުން، ތަހުގީގުތަކަށާއި މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ޝާމިލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މުވައްޒަފުންނަށް މަސައްކަތްކުރަން ވެސް ޖާގަ ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާމިލް ވިދާޅުވީ ކޮރަޕްޝަން ދުރާލާ ދެނެގަތުމުގެ ނިޒާމު އަދިވެސް ވަރަށް ބަލިކަށިކޮށް އޮތް ކަމަށެވެ. އެހެންކަމުން ކޮންމެ ކަމެއްގައި ވެސް ފުލުހުންގެ އެހީއަށް އެދެން ޖެހުން މިއީ ކޮމިޝަންގެ މަސައްކަތުގެ މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ އޭސީސީއިން ބަޖެޓަށް ހުށަހެޅިއިރު، މި ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފައިސާއަށް ވެސް އެދިފައިވާނެ ކަމަށް ޝާމިލް ފާހަގަކުރެއްވިއެވެ.
އޭސީސީއަށް ކަނޑައެޅި ބަޖެޓު މާ ކުޑަ، 97 އިންސައްތަަ ދާނީ މުސާރައަށް: ޝާމިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ