ލަންޑަން (ނޮވެމްބަރު 13) - އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުން ނެރޭ ޓީމުގެ ފުރަތަމަ އެގާރައިން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް ޖާގަ ޔަގީންނުވާ ކަމަށް އިންގްލެންޑްގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފި އެވެ.
މިދިޔަ މަހު އިންގްލެންޑުން ވޭލްސް އާއި ލެޓްވިއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ނެގި ސްކޮޑުން ބެލިންހަމް، 22، އަށް ޖާގައެއް ނުދެ އެވެ. އެއީ، ބެލިންހަމް ކޮނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެގެން އެނބުރި އައިތަނާ ކުޅުނު މެޗުތަކެކެވެ. އެ މެޗުތަކުގައި ބެލިންހަމްގެ މަގާމުގައި، އެސްޓަން ވިލާގެ މޯގަން ރޮޖާސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިންގްލެންޑުން މި ހަފްތާގައި ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އާއި އަލްބޭނިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ބެލިންހަމް ހިމަނާފައިވާއިރު، އޭނާ މި ފަހުން ހުރި ފޯމަށް ބަލާއިރު، އިންގްލެންޑްގެ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ.
"އެންމެ ރަނގަޅު ކުޅުންތެރިން ވަކި މަގާމަކަށް ކުޅުވުމުގެ ވިސްނުމަށް ވުރެން އަހަރެން ބޭނުންވަނީ، އެ ކުޅުންތެރިއަކު އެންމެ ރަނގަޅަށް ކުޅޭ މަގާމަކަށް އޮންނަ ވާދަވެރިކަން ބޮޑުކުރަން. މި ވަގުތަށް ބަލާއިރު އެ މަގާމަށް ވާދަވެރިކަން އޮތީ އެ ދެ ކުޅުންތެރިންނަށް (ބެލިންހަމް އާއި ރޮޖާސް އަށް). އެއީ ދެ ރަހުމަތްތެރިން ވީމަ، އެ ވެދާނެ ވަރަށް އެކުވެރިކޮށް ދާނެ ވާދަވެރިކަމަކަށް،" ބެލިންހަމް އަށް ފުރަތަމަ އެގާރައިން ޖާގަ ޔަގީންތޯ ސުވާލުކުރުމުން ޓުޗެލް ބުންޏެވެ.
ބެލިންހަމް އާއި ރޮޖާސް އަށް އެކުގައި ފުރަަތަމަ އެގާރައިގައި ކުޅެވިދާނެތޯ ސުވާލުކުރުމުން ޓުޗެލް ބުނީ، ވަކި ސިސްޓަމްތަކަށް ކުޅުވާއިރު، ޓީމަށް ބޭނުންކުރާނީ އެ ޓެކްޓިކްސްތަކަކަށް ރަނގަޅަށް މަސައްކަތްކުރާނެ ކުޅުންތެރިން ކަަމަށެވެ.
އިންގްލެންޑުން އެންމެ ފަހުން ނެގި ތިން ސްކޮޑުން ވެސް ބާކީވި، މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން ވެސް ވަނީ އަލުން ޓީމަށް ނަގައިފަ އެވެ. ޓުޗެލް ބުނީ، ބެލިންހަމް އާއި ފޯޑެން އެނބުރި ސްކޮޑަށް އައުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު، އެ މަގާމު ދެމެހެއްޓުމަކީ އެ ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތުގެ މައްޗަށް ބުރަވެ އޮތް ކަމެއް ކަމަށެވެ.
ބެލިންހަމަށް އިންގްލެންޑް ފުރަތަމަ އެގާރައިން ޖާގަ ޔަގީނެއް ނޫން ބެލިންހަމަށް އިންގްލެންޑް ފުރަތަމަ އެގާރައިން ޖާގަ ޔަގީނެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ