ސިފައިންގެ ވެރިޔާއަށް އާ ބާރުތަކާއި ގާނޫނީ އިމްތިޔާޒު ދިނުމަށް ޕާކިސްތާނުގެ މަޖިލީހުން ފާސްކޮށްފި
ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ ބާރުތައް ފުޅާކޮށް، ސުޕްރީމް ކޯޓުގެ މިނިވަންކަން ހަނިކޮށް، މުޅި އުމުރު ދުވަހުގެ ގާނޫނީ އިމްތިޔާޒު ދިނުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. އިއްޔެ ފާސްކުރި 27 ވަނަ ގާނޫނު އަސާސީގެ އެ އިސްލާހުގެ ސަބަބުން އެންމެ ބޮޑަށް ފައިދާ ކުރާނީ ޕާކިސްތާނުގެ ޑިފެކްޓޯ ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ވެރިޔާ އާސިމް މުނީރަށެވެ. އެ އިސްލާހަށް ބައެއް ކުދިކުދި ބަދަލުތައް ގެނައުމަށް ދެން ފޮނުވާނީ ސެނެޓަށެވެ. އޭގެފަހުން ރައީސް އާސިފް އަލީ ޒަރުދާރީ ސޮއިކޮށް ގާނޫނު އަސާސީގައި އިސްލާހު ރަސްމީކޮށް ހިމަނާނެއެވެ. މި އިސްލާހުގެ ދަށުން މުނީރަށް ކުރިން ލިބިފައި ނުވާ ބާރުތަކެއް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ޖިނާއީ ދައުވާތަކުން ދާއިމީ ރައްކާތެރިކަން ލިބުމުގެ އިތުރުން، އަލަށް އުފެދުނު ޗީފް އޮފް ޑިފެންސް ފޯސަސްގެ މަގާމަށް ޕްރޮމޯޓްވެ، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވެސް ސުޕަވައިޒް ކުރުމުގެ ބާރު ލިބެއެވެ. މި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓަށްވުރެ މަތިން އާ ފެޑެރަލް ދުސްތޫރީ ކޯޓެއް ގާއިމްކުރާއިރު، އެ ކޯޓުގެ ފަނޑިޔާރުން އައްޔަނުކޮށް، ފަނޑިޔާރުން ބަދަލުކުރާނެ ތަންތަނާއި ބަދަލުކުރާނެ ގޮތެއް ވެސް ނިންމާނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދުސްތޫރީ ގާނޫނީ ވަކީލެއް ކަމަށްވާ ސަލާހުއްދީން އަހުމަދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ޕާކިސްތާނުގެ ޝަރުއީ ދާއިރާގައި މިނިވަންކަމުގެ ތަސައްވުރު މުޅިން ނައްތާލެވޭ ކަމަށާއި، މިކަމުގެ ސަބަބުން ޕާކިސްތާނުގައި އުމުރު ދުވަހުގެ ހުދުމުހުތާރު ވެރިކަމެއްގެ ގާއިމުކުރުމުގެ މަގު ފަހިވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނުން ހަމައެކަނި ވާނެ ކަމަކީ އަސްކަރީ ވެރިކަން ގާއިމުވުމާއި ޕާކިސްތާން އިތުރަށް ހުރިހާ ގޮތަކުން ވެސް ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ގެންދިއުން ކަމަށެވެ. ނަވާރަ ސަތޭކަ ސާޅީސް ހަތް ވަނަ އަހަރު ޕާކިސްތާން އުފެދުނު ފަހުން އަސްކަރީ ހުދުމުހުތާރު ވެރިކަމެއް ދިގު ޒަމާންތަކެއް ވަންދެން އެ ގައުމުގައި ކޮށްފައިވާއިރު، އެގައުމުގެ އަސްކަރީ ޖެނެރަލުން ވަނީ ގާނޫނު އަސާސީ އުވާލާފައެވެ. އޭގެފަހުން 2008 ވަނަ އަހަރު ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ ވެރިކަން ވެއްޓުނު ފަހުން ޕާކިސްތާންގައި އަންނަނީ ޑިމޮކްރެޓިކް ވެރިކަމެއް ކުރަމުންނެވެ. ނަމަވެސް އަދިވެސް އެ ގައުމު ކޮންޓްރޯލުކޮށް ހިންގުމުގެ ފަހަތުގައި އޮންނަނީ އަސްކަރިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ