ރާއްޖެއިން ބޭރުގައި އުޅުނަސް، އެއްވެސް މީހަކު އިސްތިސްނާނުކޮށް ޑްރަގު ވިޔަފާރީގައި އުޅޭ އެންމެން ފަހަތުން ދިވެހި ފުލުހުން ދާނެކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - 'އޮޕަރޭޝަން އަލި މަގު'ގެ ނަމުގައި ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން، 500އަށް ވުރެ ގިނަ އޮފިސަރުންނާ އެކު މި އޮޕަރޭޝަން ފެށިކަން މިއަދު ހެނދުނު އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ. މިއީ އެ މަނިކުފާނުގެ އެންގެވުމުގެ މަތިން ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އޮޕަރޭޝަންއާ ގުޅޭ ގޮތުން ނަވީން އިތުރަށް ވާހަކަ ދެއްކެވީ، މިއަދު މެންދުރު ފަހު ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ތަފްސީލު - އެ އިންޓަވިއުގައި ނަވީން ވިދާޅުވި ގޮތުގައި، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވިފައިވާތީ، މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންގެ ފަރާތުން ކުށް ކުރާ މީހުންނާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބެމުން އެބަދެ އެވެ. އެ މައުލޫމާތު ދިރާސާކޮށް، މިފަދަ ބޮޑު އޮޕަރޭޝަނެއް މުޅި ރާއްޖޭގައި އެއްފަހަރާ ކުރިއަށްގެންދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ:
މިއީ މިގޮތަށް ޑްރަގާ ދެކޮޅަށް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން
މި އޮޕަރޭޝަންގެ އަލީގައި ފުލުހުންނަށް ވެސް ގިނަ ކަންކަން ދަސްވެގެން ދާނެ
މިއަދު އެކަނި އޮޕަރޭޝަން ހިންގާފައި ނުނިންމާނެ؛ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަން ހިންގާނެ
"ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މަސްތުވާތަކެތި އެއް ރަށުން އަނެއް ރަށަށް ގެންދާ ފަރާތްތަކާއި ރާއްޖެއަށް ޓްރެފިކް ކުރާ ފަރާތްތަކާ [ޖުމްލަކޮށް ޑްރަގު ވިޔަފާރީގައި އުޅޭ] ހުރިހާ އެންމެންނަށް މި އޮޕަރޭޝަން އަޅުގަނޑުމެން ހިންގާނަން. ރާއްޖޭގައި ހުއްޓަސް، ރާއްޖެއިން ބޭރުގައި ހުއްޓަސް، [އެއިން] ކޮންމެ މީހެއް ފަހަތުން އަޅުގަނޑުމެން ދާނަން،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން، 500 ފުލުހުންގެ އޮފިސަރުން ބައިވެރިވާ މި އޮޕަރޭޝަން މިއަދު ހިންގަނީ ބޮޑެތި ރަށްތަކުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ކުދި ރަށްތަކުގައި ވެސް މި އޮޕަރޭޝަން ފުޅާ ކުރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ބޭނުންވާ ނަތީޖާއަކީ މި ކުށް ކުރާ އެންމެން ހޯދުން އަދި މި ނެޓްވޯކްތައް އެއްކޮށް ޑިސްމެންޓަލްކުރުން [ރޫޅާލުން]. ރާއްޖެއިން ބޭރުުގައި ތިބެގެން ރާއްޖެއަށް ޑްރަގު ޓްރެފިކް ކުރާ ރާއްޖޭގެ ފަރާތްތައް އަދި ރާއްޖޭގައި އެ ތަކެތި ޑިސްޓްރިބިއުޓް ކުރާ ފަރާތްތައް ހޯދައި ގާނޫނުގެ ކުރި މައްޗަށް ގެނައުން،" ނަވީން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން އެންމެ ފަހުން ހާމަ ކުރި މައުލުމާތުތަކުން އެނގޭ ގޮތުގައި، މި އޮޕަރޭޝަންގައި 97 މީހަކު ހައްޔަރުކޮށް، 86 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.
ނަވީންގެ އިންޓަވިއުގައި ފާހަގަ ކުރެއްވި ގޮތުގައި، މި އޮޕަރޭޝަންގައި ހައްޔަރު ކުރާ މީހުންނާއި ބަލައި ފާސް ކުރާ ތަންތަނުގެ އަދަދު އަދިވެސް އިތުވާނެ އެވެ.
ރާއްޖެއިން ބޭރުގައި ތިއްބަސް ޑްރަގު ވިޔަފާރީގައި އުޅޭ އެންމެން ފަހަތުން ދާނަން: ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ