އަސާސީ ޚިދުމަތްތައް ނުދެވޭއިރު, ސަރުކާރު ކުންފުނިތައް ބޭނުން ކުރަނީ ޕީއެންސީ ޕްރޮމޯޓް ކުރަން: އެމްޑީޕީ
ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި، ވެރިކަން ކުރާ ޕީއެންސީ ޕްރޮމޯޓް ކުރުމަށް ދައުލަތުގެ ކުންފުނިތަކުގެ ބަޖެޓް ބޭނުންކުރަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ. އެމްޑީޕީން އެ ތުހުމަތު ކުރީ، ރާއްޖޭގައި ތިންވަނައަށް އެެއްމެ އާބާދީ ބޮޑު ފުވައްމުލަކުގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލައަށް އިޝާރާތްކޮށްފައެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން ކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހެވެ. އެ ދުވަހު ފެނަކައިން އެންމެ ފުރަތަމަ ބުނީ، ލީކެއް އުޅޭތީ ޚިދުމަތް މެދުކެނޑުމަށް ފަހު ހަމަ އެ ދުވަހު އަލުން ލިބޭނެ ކަމަށެވެ. އޭގެ ފަހުން ފެނަކައިން އެންގީ، ފެނަށް މަތީ ޑޯޒެއްގެ ކްލޮރިން އަޅަމުންދާތީ، ކުންފުނިން އަންގަންދެން ފެން ބޭނުންނުކުރުމަށެވެ. އެ މައްސަލަ ހައްލުނުވެ، ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ވަނީ ފުވައްމުލަކަށް ބޯފެން ފޯރުކޮށްދީފައެވެ. https://x.com/MDPSecretariat/status/1988920818831667645 މިއަދު އެ ކުންފުނިން ބުނީ، މެންދުރު ފުވައްމުލަކުގެ ހުރިހާ ގެތަކަށް ފެން ދޫކުރާނެ ކަމަށެވެ. އެހެންނަމަވެސް، މެންދުރު ވެސް ފެން ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ޝުއޫރުފާޅުކޮށްފައިވެއެވެ. ފުވައްމުލަކު އިރު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު "ސަން"އަށް ވިދާޅުވީ 11:30ގައި ފެން ދޫކުރަން ފަށައިފައިވާ ކަމަށެވެ. އެހެންނަމަވެސް ބައެއް ގެތަކަށް ފެން ނުލިބޭކަމުގެ ކަންބޮޑުވުންތައް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވުމަކީ އެ ޕާޓީން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ސާފު ފެން ލިބުމަކީ އަސާސީ އިންސާނީ ހައްގަކަށްވާއިރު، އެ ރަށުގައި ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ. https://sun.mv/213856 އެމްޑީޕީން ބުނީ އެފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދީފައި ނުވާކަމާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. "ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ބަދަލުގައި، އެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާތަން،" ޕާޓީން ބުންޏެވެ. "މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަން ޖެހޭ ދަތިތަކަކީ ކުރިއާލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަޙައްމަލު ނުކޮށް ވާނެ ދަތިތަކެއް." އެމްޑީޕީން ބުނީ ފެނުގެ ޚިދުމަތް ހުއްޓި، އަސާސީ އެތައް ކަމަކުން ފުވައްމުލަކު ރައްޔިތުން މަޙްރޫމުވެފައި ތިބި ދަނޑިވަޅެއްގައި ފެނުގެ ޚިދުމަތް ވަކި ވަގުތެއްގައި ލިބޭނެކަމަށް ސަރުކާރުން ބުނެ، އެ ވަގުތަށް ޚިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާގާބިލްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި، އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރުވެސް ދިމާވެފައިވާ ދަތި ހާލު އިތުރަށް ބޮޑުވާ ކަމަށް އެ ޕާޓީން ބުންޏެވެ. "ވީމާ ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދީ، ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް މި ޕާޓީއިން ގޮވާލަން،" ބަޔާނުގައިވެއެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން، ފެނަކައަކީ ކޮރަޕްޝަނުގެ ވަރަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން ސިޔާސީ ބޭނުންތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނެގުމާއީ ގަވައިދާ ޚިލާފަށް މަޝްރޫއުތައް ދިނުން ފަދަ ތުހުމަތުތައް ފެންމަތިވެ، ކުރީގެ ބައެއް ވެރިންނަށް ދައުވާ ވެސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ