ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެން ގޮސްފައިވާކަމަށާއި، ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ސަމާލުކަން ނުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކުގައި ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަނަމަވެސް މިފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ އިތުރުން ފެނުގެ ހިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުންވެސް ދީފައިނުވާކަމަށެވެ.
އެގޮތުން އެމްޑީޕީން ބުނީ ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ބަދަލުގައި އެހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ މަންޒަރު ކަމަށާއި، މިކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހިފައިވަނީ ރައްޔިތުންނަށް ކަމަށެވެ.
އެމްޑީޕީން ބުނީ އަސާސީ އެތައް ކަމަކުން ފުވައްމުލަކުން ސިޓީގެ ރައްޔިތުން މަހުރޫމުވެފައި ތިބި ދަނޑިވަޅެއްގައި ފެނުގެ ހިދުމަތް ވަކި ވަގުތެއްގައި ލިބޭނެކަމަށް ބުނި ނަމަވެސް އެ ވަގުތައް ހިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދީ، ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ފުވައްމުލަކު ފެނުގެ މައްސަލައާއި ގުޅިގެން އެރަށު ރައްޔިތުން އިހުތިޖާޖުވެސް ކޮށްފައިވާއިރު މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފެނުގެ މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ކޮށްފައިވާކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ، ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރުމުން ކަމަށާއި މިމައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށްފައިވާކަމަށެވެ. އަދި ޕްލާންޓް ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަން ހާމަކޮށް ނަޖާހު ވިދާޅުވި މައްސަލަ ހައްލުކޮށް، ފެން އުފެއްދުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ.
ފުވައްމުލަކު ސިޓީއިން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ސަމާލުކަން ނުދޭ ކަމަށް އެމްޑީޕީން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ