ފުވައްމުލަކު ގޭގެއަށް ފެން ދޫކުރަން ފަށައިފި, އެކަމަކު ނަތީޖާ ނުލިބޭތީ އަދި ބޭނުމެއް ނުކުރެވޭ

އެންމެ ފަހުން ނެގި ފެން ސާމްޕަލްގެ ނަތީޖާ ނުލިބެނީސް ރަށުގެ ރައްޔިތުންނަށް އެ ފެން ދޫކުރާތީ ފުވައްމުލަކު ސިޓީ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުއެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ. މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށާއި، ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ކުރަން ފެށި ކަމަށެވެ. މިކަމާ ބެހޭގޮތުން "ސަން" އަށް މައުލޫމާތުދެއްވަމުން ފުވައްމުލަކުގެ އިރުދެކުނު ދާއިރާގެ ކައުންސިލު މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވީ ފެނުގެ ސާމްޕަލްއެއް ޓެސްޓުކުރުމަށް އެމްއެފްޑީއޭއަށް ރޭ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭއިރުުގައި ރަށުގެ ގެތަކަށް ފެން ދޫނުކުރުމަށް ކައުންސިލުން ވަނީ ފެނަކައިގައި އެދިފަައިކަމަށް އިބްރާހިމް ވިދާޅުވިއެވެ. https://sun.mv/213839 އެމްއެފްޑީއޭ އާ ހަވާލާދީ، އިބްރާހިމް ވިދާޅުވީ ފެން ޓެސްޓުގެ ނަތީޖާ ލިބޭނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ފޮނުވާ ސާމްޕަލްގެ ނަތީޖާ ރިޕޯޓު، ފެނަކަ ހެޑް އޮފީހަށް ލިބުނު ނަމަވެސް ފުވައްމުލަކުގެ ފެނަކަ ބްރާންޗަށް ނަތީޖާ ރިޕޯޓު ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ފެނަކައިން މިއަދު ހެނދުނު 11:30 އިން ފެށިގެން ބަންދުކޮށްފައިވާ ގޭގޭގެ ވޭލުތަކަށް އަލުން ފެން ދޫކުރަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އަދިވެސް ހުރިހާ ގެއެއްގައި ވޭލުތައް ދޫކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ފެނަކަ ޓީމްތަކުން އެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވެސް މައުލޫމާތުދެއްވިއެވެ. މީގެ އިތުރުން ވެސް، ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ފުވައްމުލަކުގައި ގެސްޓު ހައުސްތައް އިތުރުވެފައިވާތީ އިތުރު 1500 ޓަނުގެ ދެ ފެންޕްލާންޓެއް އެ ސިޓީއަށް ބޭނުންވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. މިވަގުތު ރަށުގައި ހުރީ 500 ޓަނުގެ ދެ ފެން ޕްލާންޓު ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާހު ވިދާޅުވީ މިއަދު މެންދުރާ ހަމައަށް ފުވައްމުލަކުގެ ހުރިހާ ހިސާބަކަށް ވަކި ތާވަލަކަށް ބަހާލައިގެން ފެން ދޫކުރި ކަމަށެވެ. އަދި މިގޮތަށް ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ތަހުލީލުތަކުން ފެނުގެ ނެޓްވޯކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ފެނަށް ޖެހިފައިވާ ފުވައްމުލަކަށް އެހީވުމުގެ ގޮތުން ސިފައިން ވަނީ އިއްޔެގެ ނިޔަލަށް ފަސް ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލީޓަރުގެ 1،000 ކޭސް ފެން ވައިގެ މަގުން ފުވައްމުލަކަށް ފޯރުކޮށްދީފައެވެ. https://sun.mv/213856 ފެން ނުލިބުމުގެ މައްސަލަ އެއްކޮށް ހައްލުވާން ހައެއްކަ ގަޑިއިރު ނަގާނެ ކަމަށް ސަރުކާރުން އަންގާރަ ދުވަހުގެ މެންދުރުފަހު ބުނިނަމަވެސް، އޭގެ ފަހުން ވެސް ފެން ނުލިބޭ މައްސަލަ ހައްލުނުވެ ވަނީ ދިގުލައިގެން ގޮސްފައެވެ. އެހެންވެ ފުވައްމުލަކުގެ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެން ޕްލާންޓް ކުރިމަތީ އިއްޔެ ހަވީރާއި ރޭގަނޑު ވެސް އިހުތިޖާޖުކޮށްފައެވެ. ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ