މުސާރަ ހޭދަ އިތުރަށް ބޮޑުވާ ނަމަ ފިސްކަލް ހަރަދު ނުހިފެހެއްޓޭނެ: ފިނޭންސް

ބަޖެޓުގައި ކަނޑައަޅާފައިވާ ވަރަށް ވުރެ މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ އިތުރަށް ބޮޑުކުރާ ނަމަ، ފިސްކަލް ހަރަދުތައް ނުހިފެހެއްޓޭ ވަރަށް ހިނގައިދާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތޮފާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ސާއިދު މިއަދު ވިދާޅުވީ މުވައްޒަފުންނަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން، މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހަރަދު ކުރަން އޮންނަ ޖާގަ ވެސް ކުޑަވާ ކަމަށެވެ.
ތަފްސީލް - ކޮންމެ އިދާރާއަކުން ވެސް ބޭނުންވަނީ ވީ ވަރަކުން އެންމެ ގިނަ މުވައްޒަފުން ނަގައިގެން މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާއިތުވި އަހަރުތަކަށް ބަލާއިރު ފާއިތުވި 15 އަހަރު ބަޖެޓު ފޮތްތަކުން ވެސް ފެންނާނެ. ވަރަށް ބޮޑަށް މުވައްޒަފުންގެ އަދަދު އިތުރުވަމުން އެބަ އާދޭ. މީގެ ނަތީޖާއަކަށް ވަނީ އިގްތިސޯދީ ދާއިރާތަކަށް ކުރަން ހުންނަ ހަރަދު ހަނިވަމުން އައުން،" ސާއިދު ފާހަގަ ކުރެއްވި އެވެ.
މިސާލެއްގެ ގޮތުން ސާއިދު ފާހަގަ ކުރެއްވީ، މިފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ދިމާކޮށް ކަސްޓަމްސްއަށް ގިނަ މުވައްޒަފުންތަކެއް ނެގުމަށް ދޫކުރި ހުއްދަ އެވެ.
"މިއިން ޒަމާނަކު ވަޒީފާތަކަށް ނުދޭހާ އެޕްރޫވަލް ދެވިއްޖެ. އަޅުގަނޑުމެން މިނިސްޓްރީގައި އަހަރުތަކެއް ވެއްޖެ ޕާފޯމަންސް ބޭސްޑް ބަޖެޓިންގެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރާތާ. އެހެން ނަމަވެސް އިދާރާތަކުން އަޅުގަނޑުމެންނަށް ޓެކްނިކަލް ފެންވަރުގައި ވެސް އެންމެ އެދެވޭ އެހީތެރިކަމެއް އަދި ނުލިބޭ. އެ ބޭފުޅުންގެ ވެސް މަސައްކަތް ހުންނަ ގޮތުން،" ސާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާއިމީކޮށް މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިއުމުގެ ބުރަ ދައުލަތަށް ބޮޑުވާނެ ކަމަށެވެ.
"މިހާރު އަންދާޒާ މި ކުރެވޭ މުސާރައަށް ކުރާ ހޭދަ. މިހާރު އެ ކަނޑައެޅިފައިވާ މިންވަރަށް ވުރެ ބޮޑުވަމުންދާ ނަމަ، އަޅުގަނޑުމެންނަށް ފިސްކަލީ ހަރަދު ހިފެހެއްޓުމުގައި ހަމަ ނުހިފެހެއްޓޭ ހިސާބަށް ދިޔުން އެކަށީގެންވޭ،" ސާއިދު ފާހަގަ ކުރެއްވި އެވެ.
އާމްދަނީއަށް 40 ބިލިއަން ރުފިޔާ ލިބޭއިރު 17 ބިލިއަން މުސާރައަށް ހޭދަކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި
"މިހާރު ތިބި މުވައްޒަފުން އިތުރުވެ މަދުވަމުން ދިޔަޔަސް، ކުރަންޖެހޭ ހޭދަ ނޮމިނަލީ އޮތް ވަރަށް ވުރެ ބޮޑުނުވެ ދިއުން ކޮންމެހެން މުހިއްމު،" ސާއިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ