ސަޕްލައި ފެން ތަގައްޔަރުވެ، ފެން ކަނޑާލާފައި އޮންނަތާ ތިން ދުވަހަށް ވުރެ ގިނަ ވެފައިވާ ފުވައްމުލަކަށް ދިމާވި މައްސަލަ ހައްލުކޮށް، ފެން މިހާރު ގެތަކަށް ދޫކޮށްފައިވާ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ. އެކަމަކު ފެން ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރާ މީހުން ގިނަ އެވެ.
ވީ ކިިހިނެއް؟ - 9،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ.
ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ވަނީ، ހަ ގަޑިއިރެއްހާ އިރު ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މައްސަލަ ހައްލުނުވެ ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ތަފްސީލް - ފުވައްމުލަކުގައި ހުންނަ ފެނަކައިގެ އޮފީހުން ބުނީ ރެއިން ފެށިގެން ގެތަކަށް ފެން ދޫކުރަމުން އަންނަ ކަމަށެވެ.
އެކަމަކު އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން، ފެން ނުލިބޭ ކަމުގެ ޝަކުވާކުރާއިރު، އަނެއް ބަޔަކު މީޓަރުތައް ބަންދުކޮށްފައިވާ ކަމުގެ ޝަކުވާ ކުރެ އެވެ.
އެ މީހުން ބުނީ ތަގައްޔަރު ފެން ބޭރު ކުރުމަށް، ފެނަކައިން ގިނަ ގެތަކަށް ގޮސް އިސްކުރު ދޫކޮށް ފެންތައް ދޫކުރި ކަމަށެވެ. އޭގެ ފަހުން ފެން މީޓަރުގައި ސީލް ޖަހައި ބަންދު ކުރި ކަމަށާއި އެހެންވެ، އެ ތަންތަން ނުހުޅުވާހާ ހިނދަކު ފެން ނުލިބޭނެ ކަމަށް އެ މީހުން ބުންޏެވެ.
އެކަން ފެނަކައިގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކަމަކު އެ ތަނުގެ ހިލަމެއް ނުވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
'ދައުރު'އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ގެތަކަށް ފެން ދޫކުރި ކަމަށް ފެނަކައިން ބުނި ނަމަވެސް، "އެ ގެ އާއި ޖެހިގެން ހުރި ގެއާ އެ ގެ ކައިރީގައި ހުރި ގެއަށް" ފެން ނުލިބޭ ކަމަށެވެ.
"ދެން ފެން ދޫކުރި ކަމަށް އެ ބުނަނީ ކޮން ގެއަކަށް ކަމެއް ނޭނގެ،" އޭނާ ބުންޏެވެ.
ފެނަކައިގެ އޮފީހުން ބުނީ، ފެން ނުލިބެނީ ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތަކަށް ކަމަށާއި އެކަން ހައްލުކުރުމުން އެ ގެތަކަށް ވެސް ފެން ލިބޭނެ ކަމަށެވެ.
ފުވައްމުލަކުގައި ފެނަށް ޖެހި މައްސަލަ ދިގުލައިގެން ދާތީ، އިއްޔެ ހަވީރު ވަނީ އެ ރަށުގައި ބައެއް މީހުން މުޒާހަރާ ވެސް ކޮށްފަ އެވެ.
ފުވައްމުލަކަށް ފެން ދޫކުރި ކަމަށް ފެނަކައިން ބުންޏަސް ނުލިބޭ ކަމުގެ ޝަކުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ