ރާއްޖެއަށް ޑުރަގު ޓްރެފިކްކުރާ މީހުން ބޭރުން ވެސް ހޯދައި، ފަހަތުން ދާނަން: ސީޕީ
ރާއްޖެއަށް ޑުރަގު ޓްރެފިކްކުރާ މީހުން ގައުމުން ބޭރުން ވެސް ހޯދައި، އެ މީހުންގެ ފަހަތުން ދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ. ނަވީން އެގޮތަށް ވިދާޅުވީ ފަތިހު 05:00ހާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން މުޅި ރާއްޖޭގައި ފަށައިފައިވާ ޑުރަގު އޮޕަރޭޝަނާ ގުޅޭ ގޮތުންނެވެ. "އަލިމަގު"ގެ ނަން ދީފައިވާ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ނަވީން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޮޕަރޭޝަން ކުރިއަށްގެންދަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތައް އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ތެރެއިން އެ އެއްޗެހި އެތެރެކޮށް ވިއްކައި ހަދާ މީހުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަވީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ އެންމެންގެ އިތުރުން، ރާއްޖޭން ބޭރުން ޑުރަގު ޓްރެފިކް ކުރާ މީހުންގެ ހަރަކާތްތައް ފުލުހުން ބަލާނެކަމަށެވެ. "ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މަސްތުވާތަކެތި ގެންދާ ފަރާތްތަކާއި ޓްރެފިކް ކުރާ ހުރިހާ އެންމެންނަށް މި އޮޕަރޭޝަން އަޅުގަނޑުމެން ހިންގާނަން. ރާއްޖެއިން ބޭރުގައި ހުއްޓަސް ރާއްޖޭގައި ހުއްޓަސް އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަހަތުން ދާނަން،" އޭނާ ވިދާޅުވިއެވެ. ނަވީން ވިދާޅުވީ ފުލުުހުންގެ އަމާޒަކީ ޑުރަގު ވިއުގަތައް ނައްތާލުން ކަމަށެވެ. https://x.com/PoliceMv/status/1988885723060023306 "ރާއްޖެއިން ބޭރުން ރާއްޖެއަށް ޓްރެފިކް ކުރުމަށް ތިބި ފަރާތްތައް، ރާއްޖޭގައި ތިބި ފަރާތްތަކާއި ރާއްޖެއަށް އެ އެއްޗެހި އެތެރެކޮށް ޑިސްޓްރިބިއުޓު ކުރުމުގައި އުޅޭ ހުރިހާ ފަރާތްތަކެއްވެސް ހޯދައި އެ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުން." އެ އޮޕަރޭޝަނުގެ މަގުސަދާ ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ. ނަވީން ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތީގެ އެކި ބާވަތްތަކާއި އެ އެއްޗެހި ކިރަން ގެންގުޅޭ ކައްޓާއާއި ބަނގުރާ ކައްކަން ގެންގުޅޭ ސާމާނުތައް ވެސް ކުށުގެ ވެށިން ފެނިފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގެ ދަށުން ކުށް ސާބިތުވާ އެންމެންނާ މެދު ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އޮޕަރޭޝަން ހިންގަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ބިނާކޮށްކަން ފާހަގަކުރައްވަމުން ނަވީން ވަނީ ރަށްރަށުގެ އާންމު ރައްޔިތުން ދޭ މައުލޫމާތަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ރަށެއްގެ މީހަކު އާދަޔާ ޚިލާފަށް މުއްސަނދިވުމުން އެކަން ބައެއް އާންމުން ފުލުހުންގެ ސަމާލުކަމަށް ގެނެސްދޭކަން އޭނާ ފާހަގަކުރެއްވިއެވެ. "އޮޕަރޭޝަން އަލިމަގު"އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ފުލުހުން ބުނެފައިވެއެވެ. މިދިޔަ ޖުލައި މަހުގެ 30ގައި ރައީސް ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާކަން އިއުލާންކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ