ވަރުގަދަ އުރުދުން ބަލިކޮށް ދިވެހި އަންހެން ޓެނިސް ޓީމު ފައިނަލަށް
ބިލީ ޖީން ކިންގް ކަޕް އޭޝިއާ/އޯޝެނިއާ ގްރޫޕް ތިނެއްގެ ސެމީ ފައިނަލުގައި ވަރުގަދަ އުރުދުން ބަލިކޮށް މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ. ވިއެޓްނާމްގެ ފަން ތީއެޓްގައި މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި އުރުދުން އަތުން ރާއްޖެ މޮޅުވެފައިވަނީ ސީދާ ތިން ގޭމުންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލު މެޗު ކާމިޔާބުކޮށް ރާއްޖެއަށް ދެވަނަ ފަންތިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިއީ ރާއްޖޭގެ ޓެނިހުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެއެވެ. އުރުދުން އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން-- ފުރަތަމަ ސިންގަލްސްގައި ކުޅުނީ ރާއްޖޭގެ ނަބާ ނިޝާނެވެ. މި މެޗު ނަބާ ކާމިޔާބުކޮށްފައިވަނީ އުރުދުންގެ އަބޫ އަލް ހާޖް އަންނާ އަތުން 6-4، 6-4 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސިންގަލްސްގައި އާރާ އާސާލް އާޒިމް މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، އޭނާ މި މެޗު ކާމިޔާބުކުރީ ނޫރު ސަޔޭޖް އަތުން 6-1، 6-2 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ޑަބަލްސް ޖޯޑު، އައިޝަތު ކަރީން ސައިޒާން އާއި ނަޔާރާ އުސާމާ އަލީ ސުލަފް އަބޫލާތީފާއި ހާޖަރު އަލް ލޫޒީއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖޭގެ ޕެއާ ކާމިޔާބުކުރީ 6-1، 6-3 އިންނެވެ. އުރުދުން އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން-- މުބާރާތުގެ ފައިނަލުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ ލާއޯސް އާއެވެ. މި މެޗު ކުޅޭނީ މާދަމާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ