އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 97 މީހުން ހައްޔަރުކޮށްފި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 97 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރެޝަނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 97 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅޭ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.
"މިވަގުތާ ހަމައަށް ގާތްގަނޑަކަށް 90 އަށްވުރެ ގިނަ މީހުން މިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިވަނީ ހައްޔަރުކުރެވިފައި. ހަމައެއާއެކުގައި 100 އަށްވުރެ ގިނަ ތަން އެ މީސްމީހުންނާ ގުޅޭ ގެތަކާއި ވިޔަފާރިކުރާ ތަންތަނާއި އަދި މަސްތުވާތަކެތި ސްޓޯކުރަން ގެންގުޅޭ ތަންތަން ބަލާފާސްކޮށް ފުލުހުން މިދަނީ މައްސަލައާ ގުޅޭ ތަކެތި ރިކަވާ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް އެކި ފޭސްތަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިހާރު ކުރިއަށްގެންދާ އޮޕަރެޝަނަށް ވެސް ހަ މަސް ދުވަހުގެ މަސައްކަތުން އިންޓެލިޖެންސްތައް ފުލުހުން އެއްކޮށްފައިވާ ކަމަށެވެ.
ފުލުހުން މުޅި ރާއްޖޭގައި ހިންގާ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވަތަކެތި އެކި ބާވަތްތަކުގެ އިތުރުން ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓު އަތުލައިގަނެފައިވެ އެވެ.
ފުލުހުން ބުނީ 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ އޮޕަރޭޝަން ފެށީ ރޭ ފަތިހު 5:30 ގައި ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުން 100 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.
އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބޮޑު އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.
މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު މުއިއްޒު އެންގެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ