ފުލުހުންނާއި އިމިގްރޭޝަންގެ އޮޕަރޭޝަނެއް: ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ 66 ބިދޭސީން ހޯދައިފި
ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 66 ބިދޭސީން އިއްޔެ ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި ޝާމިލުވަމުންދާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި އެ ސަރަހައްދުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި 347 ބިދޭސީއަކު ޗެކުކޮށް، ގަވާއިދާ ޚިލާފަށް ދިރިއުޅޭ 66 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. https://x.com/ImmigrationMV/status/1988865747440005528 ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ، ގާނޫނާ ޚިލާފަށް ވިޔަފާރިކުރާ، އަދި ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން އެ މީހުންގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވާލުމަށް އިމިގްރޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. "މިފަދަ މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޖުތިމާއީ ހަމަޖެހުމާއި އިގުތިސާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް،" ފުލުހުން ބުންޏެވެ. https://x.com/PoliceMv/status/1988911669733408868 ގަވާއިދާ ޚިލާފަށް 'އޯޕަން ވިސާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. https://sun.mv/213611 އެ މީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ