ވެރިކަންކުރާ ޕާޓީ، ޕީއެންސީން މާދަމާ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވާން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ދިވެހީންގެ ރާއްޖެ' ނަމުގައި ޕީއެންސީން ބާއްވާ މި ބޮޑު ޖަލްސާއަކީ ރައީސްއަށް އޮތް ތާއީދު މުޅި ރާއްޖެއަށް ދައްކައިދިނުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށް އެ ޕާޓީން ބުނެ އެވެ. މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ މި ޖަލްސާ އޮތީ މާދާމާ ރޭ 8:30ގައި އާޓިފިޝަލް ބީޗުގަ އެވެ.
ބުނީ ކީކޭ؟ - ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް މުއާޒު ހަލީމް މިއަދު 'ދައުރު'އަށް ވިދާޅުވީ، އައްޑޫންނާއި ފުވައްމުލަކުން ވެސް ގިނަ އަދަދެއްގެ މީހުން ޖަލްސާގައި ބައިވެރިވާން އަންނަމުންދާ ކަމަށެވެ. އަދި ހއ. އާއި ހދ. އިން ވެސް ގިނަ ބަޔަކު އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ދެކުނުން 250އެއްހާ މީހުން ވެސް އަންނާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330 ވެސް ވަނީ މިއަދު ފުރަތަމަ ފަހަރަށް އައްޑުއަށް ގޮސްފަ އެވެ. މިއީ، އެނގިފައިވާ ގޮތުގައި، މި ޖަލްސާއަށް މީހުން ބަލާ ކުރި ދަތުރެކެވެ.
އެކަމަކު އެ ޖަލްސާއަށް މިހާތަނަށް އައި މީހުންގެ ސީދާ އަދަދެއް މުއާޒު ވިދާޅެއްނުވި އެވެ. އޭނާ ވިދާޅުވީ ޖަލްސާގައި ބައިވެރިވާ މީހުންގެ އަދަދަކީ "ސަޕްރައިޒެއް" ކަމަށާއި ޖަލްސާގެ އަދަދުތައް އޮތްގޮތް ވަރަށް ސާފު ކަމަށެވެ. އަދި އެ އަދަދު މާދަމާ ރޭގެ ޖަލްސާއިން ބޮޑުކޮށް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މުޒާހަރާއަށް ތައްޔާރުވުމަށް އަދި މާލެ އާއި އެކި ރަށްރަށުން މީހުން ގެނައުމަށް ޕީއެންސީން ދުރާލާ ގިނަ ތައްޔާރީތަކެއް ފެށި އެވެ. އެގޮތުން، ޕީއެންސީ އޮފީހުގައި އެކަމާ ގުޅޭ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
އެ ތަނުގައި ހުންނަވައި މީޑިއާތަކާ ވާހަކަދައްކަވަމުން މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކު ވެސް ވިދާޅުވި ގޮތުގައި، އޭނާގެ ދާއިރާއިން ވެސް މި ޖަލްސާއަށް ވަރަށް ގިނަ މީހުން އަންނަން ބޭނުންވެގެން އެދެމުންދެ އެވެ. ދަތުރު ހަމަނުޖެެއްސިގެން "ވެއިޓިން ލިސްޓުގައި" ވެސް ބައެއް މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ޗެއާޕާސަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، ރައްޔިތުން ތިބީ ކޮން ލީޑަރަކާ އެކު ކަމާއި ކޮން ފިކުރަކާއެކުކަން އެ ޖަލްސާއިން ވަރަށް ރަނގަޅަށް ފެންނާނެ އެވެ.
ރައްޔިތުން އެ ޖަލްސާއަށް އަންނަނީ ވެރިކަމުގެ މިސްރާބު ދަނީ ރަނގަޅަށް ކަމަށް ގަބޫލުކުރެވޭތީ، އުފާވެރި މުސްތަގުބަލަކަށް އުންމީދުކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވާދަވެރި އިދިކޮޅު ޕާޓީތައް ދައްކާ އަސްލެއް ނެތް ވާހަކަތައް ގަބޫލުނުުކުރާކަން ސާބިތުކޮށްދިނުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީއެންސީގެ ބޮޑު ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު މާލެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ