ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހާމަނުކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ދުވަސް ކައިރިވަމުން އަންނައިރު އަދިވެސް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެންނާނެ ކަމަށް ބުނާ އިސްލާހުތައް ހާމަނުކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި އޮޅުވާލަން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، މަޝްވަރާކުރުމަށް އިއްޔެ އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އާ ބައްދަލުކޮށްފައި ކަމަށެވެ. އެ ބަޔާނުގައި ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދައްކަވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވާތީ އެ ޕާޓީން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ހަމައެހެންމެ އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ޚިޔާލަށް ހުޅުވާލައިފައި ނުވާކަން ވެސް އެމްޑީޕީން ފާހަގަކުރިއެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން އުޅޭކަން އެނގުނު ނަމަވެސް، އެއީ ކޮން ބަދަލުތަކެއްކަން މިހާތަނަށް ސާފުވެފައި ނުވުމުގެ ސަބަބުން އެމްޑީޕީއާ އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށްވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީން ބުނީ ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާ ފަހުން އަންނަ ބަދަލަކާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަން ޖެހިދާނެ ހާލަތެއް ދިމާވުންފަދަ އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އެ ކަންބޮޑުވުން އީސީއާ ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގާފައި ނުވާކަމަށް ވަނީ އިސީއާ ހަވާލާދީ އެމްޑީޕީން އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިޚާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިޚާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާކަމެއް، އެމްޑީޕީ އެމްޑީޕީން ވަނީ އިންތިޚާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވައިލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލައި، ކުދި ރަށްތަކުގެ ކައުންސިލް ސައިޒު ކުޑަކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ވިދާޅުވެފައެވެ. https://www.sun.mv/210170 އެމަނިކުފާނު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން ސީދާ ރަށު ކައުންސިލްތައް މަސައްކަތް ކުރާނީ ވުޒާރާތަކާ ގުޅިގެން ކަމަށެވެ. ކުދި އާބާދީގެ ރަށްތަކުގެ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާ އިސްލާހެއް ހުށަހަޅާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެ އިސްލާހުގައިވާގޮތުން ނަމަ، އަބާދީގައި 2،000 މީހުންނަށް ވުރެ ކުޑަ ރަށްތަކުގައި ތިބޭނީ ތިން ކައުންސިލަރުން ކަމަށާއި 2،000 މީހުންނަށް ވުރެ ބޮޑު އާބާދީތަކުގައި ފަސް ކައުންސިލަރުން ތިބޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު، ސިޓީ ކައުންސިލްތަކަށް އެ ނިޒާމެއް ނޯންނާނެ ކަމަށާއި ގާތްގަނޑަކަށް އޮންނާނީ މިހާރުގެ ނިޒާމު ކަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ވެސް ހުޑަކުރަން އިސްލާހެއް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ