އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއްކޮށްލަންޖެހޭ: ނާޒިމް

އެއް މަސައްކަތްތަކެއް ކުރާ މިނިވަން މުއައްސަސާތައް ގިނަ ކަމަށާއި މަތިބަރުކުރުން ކުޑަކުރުމަށް އެ ތަންތަން އެއްކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 607 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް 20 އިދާރާއަކުން އެދިފައިވާ ކަމަށެވެ.
ތަފްސީލް -  ނާޒިމް ވިދާޅުވީ އެ ތަންތަނަށް ބަޖެޓު އިތުރުކޮށްދޭ ނަމަ ބަޖެޓުގެ އެހެން ދިމާއަކުން އުނިކޮށްގެން އެ ބައި ހޯދަން ޖެހޭ ކަމަށެވެ.
"ބައެއް ތަންތަން އެބަހުރި ހަމަ ޑުޕްލިކޭޓުވެފައި ސަރުކާރު ތެރޭ ހުރި ބައެއް މުއައްސަސާތައް. މިސާލަކަށް ދަންނަވާ ނަމަ އަޅުގަނޑުމެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެބަ ހަރަދު ކުރަން އަހަރަކު 14.7 މިލިއަން ރުފިޔާ. ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހަށް 8.8 މިލިއަން ރުފިޔާ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 7.5 މިލިއަން ރުފިޔާ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް 29 މިލިއަން ރުފިޔާ އަޅުގަނޑުމެން އެބަ ހަރަދުކުރަން އަހަރަކު،" ނާޒިމް ވިދާޅުވި އެވެ.
މިއިން ކޮންމެ އޮފީހަކީ ވެސް އެ އޮފީސް އުފެއްދުމަށް ފަހު ވަރަށް ގިނަ ހަރަދުތަކެއް ރިޕީޓުވެގެން ދާ ތަންތަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވާ ނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް. މީގައިވާ ގޮތަކީ ފައިނޭންސް އޮފިސަރެއް ހުންނަން ޖެހޭ. ސްޓޯކީޕަރެއް ހުންނަން ޖެހޭ. އެހެން ގޮސް ފައިނޭންސް ޒިންމާދާރު އިސްވެރިއެއް ހުންނަން ޖެހޭ. ތަން ކިތަންމެ ކުޑަޔަސް މި ހުރިހާ މަގާމުތަކެއްގައި މީހުން ތިބެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ގާނޫނުގައި މިނިވަން މުއައްސަސާތައް ކަމަށް ބުނާ ކޮންމެ ތަނެއްގެ އެންމެ އިސް ވެރިޔަކަށް ކާރާއި ޑްރައިވަރު ވެސް ދޭން ޖެހޭ ކަމަށެވެ.
އެ މުއައްސަސާތަކުން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލްވާ މިންވަރާ މެދު ވެސް ސުވަލު އުފެދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވަންޏާ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން. އެ ތަނުން ރިޕޯޓުތައް ތައްޔާރު ކުރޭ. އެހެން ނަމަވެސް ތަންތަނުގެ މަގާމުތަކުގައި އިންޓަގްރިޓީ ހިފެހެއްޓުމަށްޓަކާ ކުރާ ކަމެއް ފެންނާކަށް ނެތް. އަޅުގަނޑުމެން ޕޮލްކޯގެ މައްސަލަ ބަލަން ދިޔައިރު ފެނުނު ހުށަހެޅިފައި އޮންނަތާ 7 އަހަރުވީ މައްސަލަތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ތަންތަން އަޅުގަނޑަށް ފެންނަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެހެން ތަންތަނުގެ ދަށަށް ލާން. ލާފައި، ޖުމްލަ ހަރަދު ކުޑަކުރެވޭނެ ގޮތެއް ބަލަން."
ނާޒިމް ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް ހިންގަން ވެސް 1.8 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އެ މުއައްސަސާ އިން ކުރާ މަސައްކަތް އެޗްއާރުސީއެމްގެ ދަށަށް ވެސް ލެވިދާނެ ކަމަށެވެ. މީގެ އިތުރުން، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށް ޖެންޑާ މިނިސްޓްރީން ޕްރޮގްރާމުތައް ހިންގުމަށް ކުރާ ހަރަދަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންވާނެެ ގޮތް ނެތިފައި، ނަންވާ ތަންތަން މި ހުންނަނީ ހެދިފައި. އަޅުގަނޑަށް ފެނޭ އެއްކޮށްލެވެން ހުރި ތަންތަން އެއްކޮށްލާފައި، އެ ތަންތަނުން ލިބޭ ސޭވިންސް އިން ދެން ހުންނަ މުއައްސަސާތަކަށް ލާރި ދެވޭ ގޮތަށް ރާވަން،" ނާޒިމް ވިދާޅުވި އެވެ.
އެ ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީ އާއި ޕާޓީތަކުން މަޝްވަރާކޮށް، މިނިވަން މުވައްސަސާތައް ގިނަވުމުގެ ސަބަބުން އޮންނަ މަތިބަރުވުން ނިމުމަކަށް ގެންނަން ނާޒިމް ހިޔާލު ހުށަހެޅުއްވި އެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވެސް ވަނީ މުއައްސަސާތައް އެއްކޮށްލުމާ ގުޅޭ ގޮތުން ނާޒިމް ދެއްކެވި ވާހަކައަށް ދާއީދު ކުރައްވައިފަ އެވެ.
ގަފޫރު ވިދާޅުވީ މުއައްސަސާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ގިނަ ކަމަށާއި ނަމަވެސް އެ މުއައްސަސާތަކުން ކުރާ މަސައްކަތަކުން ރައްޔިތުންނަށް ފައިދާވާ ތަން ނުފެންނަ ކަމަށެވެ.
"އަޅުގަނޑަށް ވެސް ތާއީދު ކުރެވޭ މިތަންތަން ކުޑަ ކުރަން. އަދި އޭގެ އިތުރަށް 5 މެންބަރުންނާ 7 މެންބަރުން ކޮންމެހެން ކޮމިޝަނުގައި ތިބޭކަށް ނުޖެހޭ. އާބާދީގެ ނިސްބަތުން ކޮމިޝަނުގައި ތިބެން ޖެހޭނީ،" ގަފޫރު ވިދާޅުވި އެވެ.
ކޮމިޝަންތައް އުފައްދާފައި ހުރީ ނަތީޖާ ލިބޭނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް ފެންނަނީ ކަންތައް ގޯސްވާ ތަން ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ