އޮޕަރޭޝަންގައި ހައްޔަރު ކުރި 90 މީހުންނަކީ ޑްރަގު ވިޔަފާރިވެރިން: މިނިސްޓަރު އިހުސާން

ފުލުހުން މުޅި ރާއްޖޭގައި މިއަދު ހިންގާ ޑްރަގު އޮޕަރޭޝަންގައި ހައްޔަރު ކުރި 90އަށް ވުރެ ގިނަ މީހުންނަކީ ޑްރަގު ވިޔަފާރިވެރިން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ -  'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން، 500އަށް ވުރެ ގިނަ އޮފިސަރުންނާ އެކު މި އޮޕަރޭޝަން ފެށިކަން މިއަދު ހެނދުނު އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
މިއަދު މެންދުރުގެ ނިޔަލަށް މި އޮޕަރޭޝަންގައި 90އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލު އިހުސާން ހާމަ ކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެންމެ ދެއްވި އިންޓަވިއުއެއްގަ އެވެ.
ބުނީ ކީކޭ؟ - "ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ފުލުހުންގެ އިންޓެލިޖެންސުން އެއްކުރެވިފައިވާ މައުލޫމާތުގެ އަލީގައި، ފުލުހުންގެ ބަހާތަކުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް މަސްތުވަތާކެތި ވިޔަފާރި ކުރާ 90އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކުރެވިފައި،" އިހުސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ:
ހައްޔަރު ކުރި މީހުން ޑްރަގު ވިޔަފާރިއަށް ބޭނުން ކުރާ 100އަށް ވުރެ ގިނަ ތަންތަން ބަލައި ފާސް ކުުރުމުގެ މަސައްކަތް ދަނީ ކުރަމުން
ބަލައި ފާސް ކުރާ ތަންތަނުގެ ތެރޭގައި އެ މީހުން މަސްތުވާތަކެތި ރައްކާ ކުރުމަށް ބޭނުން ކުރާ ތަންތަން ހިމެނޭ
"ބަލައި ފާސް ކުރާ ތަންތަނުން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި އަދި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓު ވެސް މި އޮޕަރޭޝަންގައި ދަނީ ނެގެމުން،" އިހުސާން އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ