މަރުގެ މައްސަލަތަކުގައި ހުކުމްކޮށްފަައި ތިބޭ ގައިދީން ވެސް ހިމެނޭ ގޮތަށް ކޮމިއުނިޓީ ސާވިސް ނުވަތަ މުޖުތަމައަށް ހިދުމަތްކުރުމުގެ މަސައްކަތަށް ނެރެނީ ހަދަން ޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ފަހު ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ހުޅުމާލެ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ބަންގްލަދޭޝްގެ ގައިދީއަކު މިދިޔަ އާދީއްތަ ދުވަހު ފިލައިގެން ދިޔައީ ކަރެކްޝަންސްގެ ފެސިލިޓީއަކަށް ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނެރެފައި ހުއްޓަ އެވެ.
ބުނީ ކީކޭ؟ - މި ކަން އެކި މަސްދަރުތަކުން 'ދައުރު'އަށް ޔަގީންކޮށްދިން އިރު ކަރެކްޝަންސްގެ ރަސްމީ ބަހަކަށް އެދުމުން އެ ތަނުން ބުނީ މިދިޔަ އާދީއްތަ ދުވަހު އެ ގައިދީ ފިލައިގެން ދިޔަތަނާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ އަތުލައިގަނެވުނު ކަމަށެވެ.
"މީގެ ކުރިން ވެސް ގައިދީއަކު ފިލައިގެން ގޮސްފިއްޔާ ކަރެކްޝަންސް އިން ހުންނާނެ އެ މީހަކު ހޯދަން މައުލޫމާތު އާންމުކޮށްފައި. މި ކޭސްގައި ހަމަ މަދު ގަޑިއިރެއް ތެރޭގައި އެ ގައިދީއަކު ހޯދުމުން އާންމުކުރުމުގެ ބޭނުމެއް ނުފެނުނީ،" ކުރިން މި ކަން އާންމުނުކުރީ ކީއްވެގެންތޯ ސުވާލުކުރުމުން، ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ތަނުގެ އޮފިޝަލް ވިދާޅުވީ ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ގައިދީން ނެރެނީ ކޮންމެ ގައިދީއަކަށް ވެސް އެ ކަމަށް އޮންނަ ފުރުސަތުގެ ތެރެއިން ފުރުސަތު ދިނުމަށާއި، އެ ގައިދީއެއްގެ ރިސްކް އެސެސްމަންޓް ވެސް ހެދުމަށް ފަހު ކަމަށެވެ.
ފަސްމަންޒަރު - ކަމަރުލް އިސްލާމްގެ މައްޗަށް ދައުވާކުރީ، 2012 ވަނަ އަހަރުގެ ތެރޭގައި މުނީރުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގަ އެވެ.
މުނީރުލް އިސްލާމް މާލޭގައި މަރާލާފައި އޮތް ތަނަށް އެންމެ ފަހުން ވަންނަ މަންޒަރު ވީޑިއޯއިން ފެންނަނީ ކަމުރުލް އެވެ.
ކްރިމިނަލް ކޯޓުގައި ކަމުރުލްގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް ހައި ކޯޓުން މައްސަލަ ބަލައި ކަނޑައެޅީ ކުށް ސާބިތުވާ ކަމަށެވެ. ވާރިސުން ދެ ގޮތް ވެސް ބޭނުންވާ ކަމަށް ހައި ކޯޓުގައި ބުނުމުން އެ ކޯޓުން ހުކުމްކުރީ:
އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް
މަރުގެ ދިޔައިގެ ގޮތުގައި 133،333.33ރ. ނެގުމަށް
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައި ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ގާތިލެއްގެ ހުކުމް އޮތަސް މަސައްކަތަށް ނެރެނީ ރިސްކް އެސެސްމަންޓް ހަދާފައި: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ