އަގުހެޔޮކޮށް 3000 ފުލެޓު ދޭން، ބީއެމްއެލްއަށް ބިންތައް ދިނީ ހިލޭ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން އަޅާ 3،000 ހައުސިން ޔުނިޓް ހެޔޮ އަގުގައި ދިނުމަށް، އެ މަޝްރޫއަށް ބިންތައް ދިނީ ހިލޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވަނީ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނިން 3،000 ހައުސިން ޔުނިޓު އެޅުމަށް ބިންތައް ދިނުމަށް، މިއަދު އެ ކުންފުންޏާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި 2،700 ޔުނިޓު އަޅާނެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ އާއިލާއެއްގެ ވެސް ހައްގެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ އާއިލާއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް، އަތްފޯރާފަށުގައި ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން ބީއެމްއެލްގެ ދަށުގައި އޮތް ކުންފުނިން ހިންގާ މަޝްރޫއުން ވެސް ފުލެޓުތައް ލިބޭނީ ހެޔޮއަގުގައިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މި ތަންތަނަކީ އަތްފޯރާފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބެންކަށް ބިން މިދެނީ، ބެންކަށް އިތުރު އަގަކާ ނުލައި، ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް اللهގެ ވާގިފުޅާއެކު، މި ޔުނިޓުތަކުގެ އަގު މިހާރު މި ދޫކުރާ ޔުނިޓުތަކުގެ އަގާ އެއްވަރެއްގައި، ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެންދާނެ،" މުއްތަލިބު ވިދާޅުވިއެވެ. ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހައުސިން ޔުނިޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުން: އެ ޔުނިޓުތައް އަޅާނީ ވިލިމާލެއާއި ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި -- ފޮޓޯ/ ބީއެމްއެލް އޭނާ ވިދާޅުވީ އެފަދަ އެހެން ޕްރޮޖެކްޓުތައް ވެސް އެކި ފަންތިތަކަށާއި އެކި ގިންތިތަކަށް ޚާއްސަކޮށްގެން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ސަބްސިޑަރީން ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ފަހު ދޫކުރާނީ، ކުއްޔަށް ދޭ މުއްދަތު ހަމަވުމުން މިލްކު ކުރެވޭ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ މޮޑެލް ބޭނުންކުރުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަވާނެ ކަމަށާއި ބޭންކަށް އޮންނަ ހިރާސްތައް ވެސް ކުޑަވާނެ ކަމަށެވެ. "އެއީ މީގެ ލޭންޑް ކޯސްޓް، ފައިނޭންސިން ކޯސްޓް އަދިވެސް ޑިވެލޮޕްމެންޓް ކޯސްޓް މިފަދަ އެތައް ކޯސްޓްތަކެއް ކުޑަކުރުމުގެ ގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި... ވަރަށް ބޮޑުތަން އަގުހެޔޮ ވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް ބާރު ސްޕީޑުގައި މަސައްކަތްތައް ނިންމާ ބޭންކެއް ކަމަށާއި، އެގޮތުން މި މަޝްރޫއު ވެސް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. https://sun.mv/213103 ބީއެމްއެލްއިން ބޯހިޔާވަހިކަމަށް ޚާއްސަ ކުންފުންޏެއް އުފެއްދީ، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކެބިނެޓުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި، ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން މާލީ އިދާރާތަކާ ގުޅިގެން، ލީސް ޓު އޯން ނުވަތަ ކުއްޔަށް ދިރިއުޅުމަށް ފަހު އަމިއްލަ ކުރެވޭ މޮޑެލްގެ ދަށުން އާންމުންނަށް ހައުސިން ޔުނިޓު ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވައިދެއް އެކުލަވާލައިފައެވެ. އެ ގަވައިދުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިން ސްކީމަށް ޚާއްސަކުރަން ޖެހޭނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ