ކައުންސިލް އިންތިހާބަށް ގެންނަން އުޅޭ ބަދަލުތައް އާންމުނުކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ ބަދަލުތައް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ނޭނގޭތީ އާއި އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަނާ މަޝްވަރާކޮށްފައި ވެސް ނުވާތީ އަދި އިންތިހާބީ އުސޫލުތަކަށް ގެންނަން އުޅޭ ބަދަލުތައް އާންމުނުކުރާތީ އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ކައުންސިލް އިންތިހާބު އަންނަ 28 މާޗުގައި ބޭއްވުމަށް އީސީން އޮތީ ނިންމާފަ އެވެ. އަދި މި އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު 17 ޖެނުއަރީގައި ހުޅުވާލާނެ ކަމަށް ވެސް އީސީން އޮތީ ބުނެފަ އެވެ.
މި އިންތިހާބުގެ ކުރިން، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވާލުން ފަދަ އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޮތީ ވިދާޅުވެފަ އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި، އެ އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ވެސް، އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިނުވުމުގެ އިތުރަށް، އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވާލާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރި އެވެ.
އެގޮތުން، އެ ޕާޓީން ބުނީ:
ބަދަލުތަކެއް ގެންނަން އުޅޭކަން އެނގުނު ނަމަވެސް އެއީ ކޮން ބަދަލުތަކެއްކަން މިހާތަނަށް ސާފުވެފައެއްނުވޭ 
މި ކަމުގެ ސަބަބުން، އެ ޕާޓީން އަދި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވޭ 
ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅާފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާ ފަހުން އަންނަ ބަދަލާ އެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުން ފަދަ އެތަކެއް ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުން
އެހެންވެ، އެ ބަދަލުތައް ސާފުކުރުމާ އެކު، މަޝްވަރާކުރުމަށް އިއްޔެ އީސީއާ ބައްދަލުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެކަމަކު އެ ކަންކަމުގެ ކަންބޮޑުވުން އެ ކޮމިޝަނާ ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައިނުވާ ކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާ ބިލާ މެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާ ކަމަށް އީސީން ބުނެފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން އިންތިހާބީ ދާއިރާތަކާއި ކައުންސިލުތައް އެކުލެވިގެންވާ ގޮތާ އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާ ނަމަ، އެކަން އީސީ އާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާ އެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް އެ ބަޔާނުގައި ސަރުކާރަށް ގޮވާލި އެވެ.
އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރި އެވެ. ބައެއް ކައުންސިލްތަކުންނާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ވެސް އެ އިސްލާހުގެ ދިފާއުގައި ރައީސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.
ކައުންސިލަރުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ އެކު ވެސް، އެ ނިޒާމަށް ކުރިއަށް އޮތް ތަނުގައި ވެސް ބަދަލު ގެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅު ކައުންސިލަކީ ވެސް "އެއްވެސް ބޭނުމެއް އޮތް ތަނެއް ނޫން" ކަމަށް ސިފަކުރައްވައި ރައީސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.
އަތޮޅު ކައުންސިލު އުވާލުމުގެ އިސްލާހުގެ އިތުރުން، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ހުށަހަޅާ އިސްލާހު ވެސް ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް ރައީސް އޮތީ ވިދާޅުވެފަ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު، އަތޮޅު ކައުންސިލް ހޮވަން ވޯޓުލާކަށް ނުޖެހޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ