ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. އެއްސައިޒެއްގެ 2 ކޮއިންބޮކްސްއެވެ. 2 ބޮކްސްވެސް ފުރުނީއެވެ. އެއްބޮކްސް ފުރައިލީ ވަކިލާރިންނެވެ. އަނެއް ބޮކްސް ފުރައިލީ 100 ޑޮލަރުގެ ނޫޓުންނެވެ. އެހެންކަމަށްވެއްޖެނަމަ 2 ބޮކްސް އިން ތިމާއަށް ކުރާނެ ފައިދާގެ މިންވަރު ހިތަށް ގެންނާށެވެ!
ތިބާގެ ފަތާއިމެދުވެސް އޮތީ ހަމައެފަދަ ގޮތެކެވެ. ބޭކާރުގޮތުގައި ފުރައިލުމާއި އެންމެ ފައިދާބޮޑު ގޮތަށް ފުރައިލުމުން ތިމާއަށް ކުރާނެ ފައިދާ އެއްގޮތްވާނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 7 އުޑާއި އުޑުތަކުގައި ވާހައި އެއްޗަކާއި އަދި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ މީޒާނުގައި لآ اِلَهَ اِلّا اللّهُ ގެ ބުރަދަން މާބޮޑެވެ.
އެނގިގެން މިދަނީ لآ اِلَهَ اِلّا اللّهُ އަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ކަލިމައެއް ނުވާކަމެވެ. ޛިކްރް ތަކުގެ ތެރެއިންވެސް އެންމެ މަތިވެރި ޛިކްރަކީ އެ ކަލިމަ ކަމުގައި ލައްވަވާފައި އެވަނީ އެހެންވެގެންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަކީ ހަމަ އެންމެ މުސްލިމަކަށްވެސް ނުއެނގި އޮންނާނެ ކަންކަމެއް ނޫނެވެ. ސުވާލަކި މިކަންކަން އެނގޭއިރު ދުވާލަކު ކިތައް ފަހަރު މިމަތިވެރި ކަލިމަ ޛިކުރުކުރަން ހެއްޔެވެ؟ އެކަލިމައަށް ޢަމަލުކުރަން ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟
ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ހުސްވަޤު ލިބޭނެއެވެ. ކިތަންމެ މަދު ޢަދަދަކަށް ނަމަވެސް ޛިކުރުކުރާށެވެ. އެމީހަކަށް ވަޤުތުވާވަރަކުން ގިނަކުރާށެވެ. އަހުރެމެންގެ ފަތް ފުރާލަންވީ ބޭކާރު ވާހަކަތަކަކުން ނޫނެވެ. ޘަވާބު ދެއްވަވާނެ ޛިކުރުތަކުންނެވެ. މީޒާން ތިމާގެ ކޮޅަށް ބުރަވެގެންދާނީ އެއިރުންނެވެ.
އަދި ބުނަން ހެއްޔެވެ؟ މިކަލިމަ ހިތުގެ އަޑިން ޤަބޫލުކޮށްފިނަމަ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރަން ބިރުވެތިވެވޭނެއެވެ. ފާފަތަކަށް އަރައިގަންނަން ބިރުވެތިވެވޭނެއެވެ! ކައްވަޅުގައި މަލާއިކަތުން ކުރައްވަވާނެ ސުވާލުތަކަށް ޖަވާބު ދެވޭނީވެސް މިކަލިމަ މަތީގައި ޘާބިތުވެހުރެވިގެންނެވެ.
- މަޢްލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
ތިބާގެ ފަތް ތިބާއަށް އެންމެ ފައިދާކުރާނެ ގޮތަށް ފުރާލަން ކުރަން އޮތް ޢަމަލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ