ވަޒީފާގެ އިންޓަރވިޔުއަކަށްދާން އެކުއްޖާ ލައިގެން ނުތުތީ އެކަށީގެންވާ ހެދުމެއް ކަމަށް މަންމައަށް ޤަބޫލުނުކުރެވިގެން މަޑުކޮށްލަން ބުނެފައި ހެދުމެއް ގެނެސް ދީފައި ބުނީ އެހެދުން ލައިގެން ދިއުމަށެވެ. އަދި ދަރިފުޅާއިއެކު ގެންދިއުމަށެވެ. އެއީ ކީއްކުރަންތޯ ސުވާލުކުރުމުން ބުނީ ދުޢާކުރަން ބޭރުގައި އިންނަން ކަމަށެވެ.
މަންމައަކީ ނުހިނގޭ އަންހެނެކެވެ. އެހެންކަމާއިއެކުވެސް މަންމަ އެދުމުން ފުރޮޅުލީ ގޮނޑީގައި މަންމަ ގެންދިއައެވެ. އިންޓަރވިޔު އިން ފާސްނުވުމުން ވަރަށް ދެރަވެ ހުރެ ނުކުތުމުން ވީގޮތަކާއިބެހޭ ގޮތުން މަންމަ ސުވާލުކުރިއެވެ. މަންމަ ދެރަނުކުރަންވެގެން ކުއްޖާ ބުނީ ވަޒީފާ ލިބޭނެ ކަމަށާއި މަންމަ ދެރަނުވުމަށެވެ. މަންމަގެ ދުޢާއިން ކާމިޔާބުނުވާނެ ކަމެއް ނުއޮންނާނެ ކަމަށެވެ. ވަޒީފާ ލިބުމުން މިހާފަޤީރުކޮށް އުޅެން ނުޖެހޭނެ ކަމަށެވެ.
އިންޓަރވިޔުކުރި އޮފިސަރު ހުރީ ސިއްރުން ދެމައިންގެ ވާހަކަތައް އަޑުއަހާށެވެ. އޭނާއަށް ފެނުނު މަންޒަރާއި އިވުނު އަޑުން ދެރަވެގެން ގޮސް ދެމައިންނާއި ބައްދަލުކޮށް އެކުއްޖާ އެއްފަރާތަކަށް ޖައްސާފައި މަންމަ ގާތުގައި ދޮގުހެދީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ގެއިން ފެށިގެން ކަންކަން ހިނގައިދިއަގޮތް ކިޔައިދިނެވެ. އެކުގައި މަންމަ ގެނައި ސަބަބުވެސް ބުންޏެވެ. އަދި ދޮގުހެދީ ދޮގުހަދަން ބޭނުންވެގެން ނޫންކަމަށާއި މަންމަ މާޔޫސް ނުކުރުވަންވެގެން ކަމަށްވެސް ބުންޏެވެ.
އެވާހަކަތައް އަޑުއަހާފައި އެމީހާ ބުންޏެވެ. "ވަޒީފާގެ އިންޓަރވިޔުން ފާސްނުވިނަމަވެސް މަންމައަށް ތިއަހައި ކިޔަމަންތެރި، މަންމައަށް ތިއަވަރަށް އަޅައިލާ، މަންމަދެކެ ތިއަވަރަށް ލޯބިވާ ކުއްޖަކަށް އެހީތެރިވާން ބޭނުންވާތީ ވަޒީފާ ހަމަޖައްސައިދޭނަމެވެ. މާދަމާ ވަޒީފާއަށް ނުކުންނާށެވެ!"
ވީއުފަލުން ދުވެގޮސް މަންމަގެ ގައިގައި އޮޅުލައިގަނެ އުންމީދު ޙަޤީޤަތަކަށް ވެއްޖެ ކަމަށާއި މާދަމާ ވަޒީފާއަށް ނުކުންނަންވީ ކަމަށް ބުނުމުން މަންމަ ވަޤުތުން މާތް ﷲ އަށް ޙަމްދުކުރިއެވެ. ދެމައިން އެނބުރިގެއަށްދިއައީ ހިތްފުރިގެންތިބެއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ވިސްނައިލާށެވެ! މަންމަ ބުނީތީ ލައިގެންހުރި އޭނާއަށް ރީތި ހެދުން ބާލައި މަންމަ ދިން ހެދުންލީއެވެ. މަންމަ ބޭނުންވީތީ ނުކުޅެދޭ ޙާލުގައި ގޮވައިގެންވެސް ދިއައީއެވެ. ނުކުތް ނަތީޖާއަކީ އެންމެ ފުރިހަމަ ނަތީޖާ ނޫންހެއްޔެވެ؟ ވީމާ އަޅުގަނޑު ހުރިހާ ދަރިންނަށްވެސް އިލްތިމާސްކުރަން ބޭނުންވަނީ މަންމަ ކިތަންމެ ދެރަވެފައި ނިކަމެތިނަމަވެސް މަންމަގެ ބަސް އަބަދުވެސް ޤަބޫލުކުރުމަށެވެ. އެކުއްޖަކަށް މާތް ﷲ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
މަންމަ ބޭނުންވި ހެދުން ލައިގެން، މަންމަ ބުނީތީ ނުކުޅެދޭ މަންމަ ގޮވައިގެން ދިއުމުން އިންޓަރވިޔުއިން ފާސްނުވި އަންހެން ކުއްޖަކަށް ހަމަ އެވަޒީފާ ވަޤުތުން ލިބުނު ގޮތުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ