ޑަބަލްސް އިވެންޓުން ދީމާއާއި ރަފާއަށް ލޯ މެޑަލް

ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓްގެ ސެމީފައިނަލްގައި ތުރުކީގެ ޗެމްޕިއަން ޕެއާއިން ރާއްޖޭގެ އެންމެ ވަރުގަދަ ޕެއާ ކަަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ކުރިހޯދުމުން ދިވެހި ޓީމަށް ލޯ މެޑަލް ކަށަވަރުވެއްޖެ އެވެ. ރަފާ އަދި ދީމާ ބަލިވެފައިވަނީ ތުރުކީގެ އެޗޭ ހަރާކް އަދި އޮޒްގީ ޔިލްމާޒްގެ ޕެއާއާއި ވާދަކޮށް 3-1 ސެޓުންނެވެ. މެޗުން ރާއްޖެ ބަލިވި ނަމަވެސް ދިމާ އަދި ރަފާއަށްވަނީ ލޯ މެޑަލް ކަށަވަރުވެފައެވެ. އެންމެ ފަހުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވަނީ ޓީމު އިވެންޓުގައި ލޯ މެޑަލް ހޯދާފައެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ރަފާ އާއި ދީމާގެ ޕެއާ ވާދަކޮށްފައިވަނީ ތުރުކީގެ ޗެމްޕިއަން އެޗޭ ހަރާކް އަދި އޮޒްގީ ޔިލްމާޒްގެ ޕެއާއާއެވެ. މިގޭމްސްގައި އަންހެން ޑަބަލްސް މެޗުތައް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ. ލޯ މެޑަލް ހޯދި ރާއްޖޭގެ ދީމާ އާއި ރަފާގެ ޕެއާ -- ފޮޓޯ: އެމްއޯސީ މެޗްގެ ފުރަތަމަ ސެޓް ފެށިގެން ލީޑްގައި އޮވެގެން ކުޅެމުންދިޔައީ ތުރުކީގެ ޕެއާއެވެ. ނަމަވެސް ދެ ޕޮއިންޓަށްވުރެ ބޮޑަށް ލީޑް ފުޅާކުރުމަށް ތުރުކީގެ ޕެއާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ސެޓު ކުރިއަށްދިޔަ ވަރަކަށް ރަފާ އަދި ދީމާއަށް ހެދުނު ގޯސްތަކުގެ ފައިދާނަގައި ލީޑްގައި އޮވެގެން ތުރުކީގެ ޕެއާއިން ކުޅެމުންދިޔައެވެ. ވާދަވެރި އަދި ބަލާހިތްވާ ކުޅުމަކަށްފަހު ތުރުކީގެ ޗެމްޕިއަން މެޗްގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 11-7 އިންނެވެ. މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ދެ ޓީމްގެ ފަރާތުންވެސް ވަރަށް އެއްވަރު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓް ކުރިއަށްދިޔަ ވަރަކަށް ތުރުކީގެ ޕެއާއިން ދިޔައީ ލީޑް ފުޅާކުރަމުންނެވެ. ތުރުކީގެ ޕެއާއިން ބޮޑަށް ވިސްނަމުން ދިޔައީ ބާރު ހަމަލާތަކެއް އުފެއްދުމަށެވެ. އަދި އަވަސް ގޭމެއް ކުޅުމަށެވެ. ލީޑްގައި އޮވެގެން ކުޅެމުންގޮސް ތުރުކީގެ ޕެއާއިން މެޗްގެ ދެވަނަ ސެޓް ކާމިޔާބުކުރީ 11-5 އިންނެވެ. މި މެޗަށް ނިކުތުމުގެ ކުރިން ރަފާ އަދި ދީމާވަނީ އިއްޔެ ވަރުގަދަ ތިން މެޗު ކުޅެފައެވެ. މެޗްގެ ތިންވަނަ ސެޓްގައި އެންމެ ފުރަތަމަ ލީޑު ނެގީ ރާއްޖޭގެ ރަފާ އަދި ދިމާގެ ޕެއާއިންނެވެ. ނަމަވެސް ތުރުކީގެ ޗެމްޕިއަން ޕެއާއިން މެޗްގެ ނަތީޖާ 3-3 އަށް އެއްވަރުކުރިއެވެ. ނަތީޖާ އެއްވަރުކުރި ނަމަވެސް ރަފާ އަދި ދީމާވެސް އެންމެ ތަންކޮޅެއްވެސް ދޫކުރުމެއްނެތި ކުޅެމުންދިޔައެވެ. ތިންވަނަ ސެޓުގެ މެދަކާ ހަމައަށް ދިޔައިރު ރަފާ އާއި ދީމާ ލީޑުކުރަމުން ދިޔައީ 5-4 އިންނެވެ. ޓައިމްއައުޓަށް ފަހު ސެޓު ފެށުމާއެކު ރާއްޖެއިން ދެ ޕޮއިންޓުގެ ލީޑެއް ނެގިއެވެ. މެޗްގެ ތިންވަނަ ސެޓް ރަފާ އަދި ދީމާ ކާމިޔާބުކުރީ 11-7 އިންނެވެ. ހަތަރުވަނަ ސެޓުގެ ކުރީކޮޅު ދީމާއާއި ރަފާ ލީޑުގައި އޮތް ނަމަވެސް ތުރުކީގެ ޕެއާއިން ވަނީ މި ސެޓުގެ ފަހުކޮޅު ދެއްކި މޮޅު ކުޅުމާއެކު މި މެޗު ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ