ޑާކްރެއިންގެ ''އަލްވަދާއު''ގެ ޓްރެއިލާއިން ވެސް ރޮއްވާލައިފި
ދިވެހި ފިލްމު އުފެއްދުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޑާކްރެއިން އެންޓަޓެއިންމަންޓުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭ ފިލްމު "އަލްވަދާއު" އަންނަ މަހުގެ އެއް ވަނަ ދުވަހު އަޅުވަން ތައްޔާރުވެއްޖެއެވެ. އަލްވަދާއުގެ ރަސްމީ ޓްރެއިލާ ވަނީ މިދިޔަ ހޯމަ ދުވަހު ނެރެފައެވެ. ގާތްގަނޑަކަށް އެއް މިނެޓުގެ ދިގު މި ޓްރެއިލާގައި ވަނީ ލޯބީގެ ތަފާތު އިހުސާސްތަކާއި ޖަޒުބާތުތައް ބެލުންތެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައެވެ. ޓްރެއިލާ ފެށެނީ ފިލްމުގައި މަރިޔަމް މަޖުދާ ދައްކުވައިދޭ ކެރެކްޓަރަށް، އޭނާގެ ލޯބިވެރިޔާ ކައިވެނި ހުށަހަޅާ މަންޒަރަކުންނެވެ. ނަމަވެސް ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުން މަޖުދާގެ ނުހިނގޭ ގޮތްވެ، ފުރޮޅުލީ ގޮނޑިއެއްގައި އުޅެން ޖެހުމުގެ ސަބަބުން އެ ގުޅުން ނިމުމަކަށް އަންނަ މަންޒަރުތައް ޓްރެއިލާގައި ދައްކުވައިދެއެވެ. ފިލްމުގެ މުހިންމު ކާސްޓުންގެ ތެރޭގައި މަޖޫގެ އިތުރުން ޝަރަފް އަބްދުﷲ، ޝީލާ ނަޖީބު އަދި މުހައްމަދު (ދަރާ) ރަޝީދު ހިމެނެއެވެ. "އަލްވަދާއު" ޑައިރެކްޓްކޮށްފައިވަނީ އަލީ ޝަފީއު (ޗިއްޕެ) އެވެ. https://sun.mv/213568 މި ފިލްމު ލިޔެފައިވަނީ ޝަހުދާ މަހުމޫދު (ޝަހޫ)އެވެ. ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓުތައް މިހާރު ވަނީ ވިއްކަން ފަށާފައެވެ. ފިލްމުގެ ޓީމުން ބުނާ ގޮތުގައި، ޓްރެއިލާ އާންމުވުމާއެކު މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ