އިތުރު ބިރުވެރި ފިލްމަކަށް ޝްރައްދާ ތައްޔާރުވަނީ

މީގެ ކުރިން ވެސް ބިރުވެރި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު ރާހީ އަނިލް ބާރުވޭގެ ފިލްމަކަށް ބަތަލާ ޝްރައްދާ ކަޕޫރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. "ޕަހަދުޕަންޖީރާ"ގެ ނަމުން ގެނެސްދޭމި ފިލްމަކީ ފޯކް ސްޓޯރީއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ބިރުވެރި ފިލްމެކެވެ. ބަތަލާ ޝްރައްދަ ކަޕޫރު ޕްރޮޑިއުސަރެއްގެ ދައުރު ވެސް ކުޅޭނެ މި ފިލްމުގެ މަސައްކަތް ބަތަލާ ފަށާނީ މިހާރު މަސައްކަތް ކުރިއަށްދާ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރުގެ ފިލްމުގެ މަސައްކަތް ނިންމުމަށް ފަހުއެވެ. މި ފިލްމަކީ މީގެ ކުރިން ވެސް ޝްރައްދާ މަސައްކަތްކޮށްފައިވާ ޑާކް ފެންޓަސީ ޖޯންރާގެ ފިލްމެއްކަމުން އެފަދަ ޖޯންރާގެ ފިލްމުތަކަށް ޝްރައްދާ ދޭ އިސްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި ބަތަލާއާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި އެކްތާ ކަޕޫރު ވެސް މަސައްކަތް ކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އަންނަ އަހަރު ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ޕްރޮޑަކްޝަން ޓީމުގެ އަމާޒަކީ އަންނަ އަހަރު ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު އެ އަހަރު ތެރޭ ބެލުންތެރިންނަށް ފިލްމު ގެނެސްދިނުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝްރައްދާ ފިލްމު "އިސްތިރީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ޖީކިއުއިންޑިއާ މި ފަހަކަށް އައިސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މެޑްޑޮކް ފިލްމްސްގެ "އިސްތިރީ"ގެ ބަތަލާ ދާދި ފަހުން ވަނީ "ޗޯޓީ އިސްތިރީ"ގެ ނަމުގައި އެނިމޭޓެޑް ތިއެޓާ ފިލްމެއް ވެސް އިއުލާނުކޮށްފައެވެ. އެ ސްޓޫޑިއޯގެ ފިލްމު "ތަމާ"ގެ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ވާހަކަދައްކަމުން ބަތަލާ ބުނީ، އެއީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އެ ސްޓޫޑިއޯއިން ގެނެސްދޭން ނިންމި ފިލްމެއް ކަމަށެވެ. އަދި އެއީ ހެއްވާ މަޖާ ގިނަ ހާދިސާތަކާ އެކު ކުޑަކުދިންނާ ރަޙްމަތްތެރި ގޮތަކަށް ބިނާކޮށްފައިވާ އެނިމޭޓެޑް ފިލްމެއް ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ. ޝްރައްދާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ "އިސްތިރީ 3" އަދި "ނާގިން" ހިމެނެއެވެ. މި ފިލްމުތަކުގެ މަސައްކަތް ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ