މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބިގެން 14 ރަށަކުން ރިޕޯޓުކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބުނު 14 ރަށަކުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް (އެންޑީއެމްއޭ) ރިޕޯޓުކޮށްފިއެވެ. އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ވަރުގެ ގެއްލުން ލިބިގެން އެންޑީއެމްއޭއަށް ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ރަށްތަކަކީ: 1. ގދ. މަޑަވެލި2. ގދ. ހޯނޑެއްދޫ3. ގދ. ނަޑެއްލާ4. ގދ. ރަތަފަންދޫ5. ގދ. ފަރެސްމާތޮޑާ6. ގއ. މާމެންދޫ7. ލ. މާވައް8. ހދ. ނޮޅިވަރަންފަރު9. ކުޅުދުއްފުށި ސިޓީ10. ސ. މަރަދޫ11. ރ. ފައިނު12. މ. ދިއްގަރު13. މ. މަޑުއްވަރީ14. ފުވައްމުލައް ސިޓީ އެންޑީއެމްއޭ އިން ބުނީ ކުޅުދުއްފުށީ ސިޓީގެ ގެެޔަކަށް ގެއްލުން ލިބިގެން އެ ގޭގައި ދިރިއުޅޭ މީހުން އެހެން ގެޔަކަށް އެއް ދުވަހަށް ބަދަލުކޮށްފައިވާ ކަމަށެވެ. އިތުރު އެއްވެސް ރަށެއްގެ ގެޔަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެ އިދާރާއިން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ވިއްސާރާގައި ހދ. ނޭކުރެންދޫ ބޯޓަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދީފައިވެއެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް ލިބިފައިވާ ގެއްލުންތަައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ހުކުރު ދުވަހާ ޖެހެންދެން މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިފަދަ ދުވަސްވަރުގައި ހިނގާނެ ހާދިސާތަކަށް ސަމާލުވެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ