ޓެސްޓްގައި މަކަރު ހަދާފާނެތީ، އިންޑިއާއިން ޓެލެގްރާމް ވަގުތީ ގޮތުން މަނާކޮށްފި

މެޑިކަލް ދާއިރާއަށް ވަނުމަށް ދޭ ވަރަށް މުހިންމު އިމްތިހާނެއް އަލުން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްކޮޅެއް ކުރިން، މަކަރު ހެދުމަށް ޓެލެގްރާމް ބޭނުންކޮށްފާނެ ކަމުގެ ބިރަށްޓަކައި އިންޑިއާ ސަރުކާރުން އެ އެޕްލިކޭޝަން ވަގުތީ ގޮތުން ބްލޮކްކޮށްފިއެވެ. މިދިޔަ މެއި މަހު ބޭއްވި 'ނެޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް - އަންޑަރގްރެޖުއޭޓް' (ނީޓް-ޔޫޖީ) އިމްތިހާނުގެ ކަރުދާސްތައް ލީކުވި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އެ އިމްތިހާނު ބާތިލުކޮފައިވާތީ، މި އަންނަ އާދީއްތަ ދުވަހު މިލިއަނަކަށްވުރެ ގިނަ ދަރިވަރުން މި އިމްތިހާނުގައި އަލުން ބައިވެރިވާނެއެވެ. އިމްތިހާނު ހިންގާ ނެޝަނަލް ޓެސްޓިންގް އެޖެންސީ (އެންޓީއޭ)އިން މި ނިންމުމަށް މަރުހަބާ ކިޔަމުން ބުނީ، މިއީ އިމްތިހާނު ކަރުދާހަށް މަކަރު ހަދާ ގުރޫޕުތަކުން ކެންޑިޑޭޓުންނަށް އޮޅުވާލުމަށް ޓެލެގްރާމް ބޭނުންކުރަމުންދާތީ އެކަމަށް އިޖާބަދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. އެ އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ގްރޫޕްތަކުން އެކަން ކުރަނީ ކުރިއާލާ ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. ނަމަވެސް، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި ނިންމުމަށް ފާޑުކިޔާފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ އިމްތިހާނުތަކުގައި މަކަރު ހެދުމުގެ ބޮޑު މައްސަލައަށް އޮތް ވަގުތީ އަދި ނުފޫޒެއް ނެތް ހައްލެކެވެ. އިމްތިހާން ކަރުދާސްތަކެއް ލީކުވި މައްސަލައިގައި އިންޑިއާގައި ދަރިވަރުންތަކެއް އިހުތިޖާޖުކުރަނީ--ފޮޓޯ/ބީބީސީ މިކަމާ ގުޅިގެން ބީބީސީން ޓެލެގްރާމް ހިންގާ ކުންފުނީގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެކަންވަނީ ނާކާމިޔާބުވެފައެވެ. އިންޑިއާގެ ސަރުކާރުން މިކަން އިއުލާން ކުރިތާ އެތައް ގަޑިއިރެއް ފަހުންވެސް އެ ޤައުމުގައި ޓެލެގްރާމް ބޭނުންކުރެވެމުންދިޔައިރު، މި ހިފެހެއްޓުން ތަންފީޒު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް، މި ފިޔަވަޅާއެކު، އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް އޮންނަ އެންމެ މުހިންމު އިމްތިޙާނު ކަމަށްވާ (ނީޓް-ޔޫޖީ) އާއި އެކަމާ ގުޅިފައިވާ ހޫނު ބަހުސްތައް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި 5,000 އަށްވުރެ ގިނަ ސެންޓަރުތަކުގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން މި އިމްތިހާނު ހެދިއެވެ. ނަމަވެސް ކަރުދާސް ލީކުވި ކަމަށް ބުނެ ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން 'އެންޓީއޭ'އިން ވަނީ އިމްތިހާނު ބާތިލުކޮށްފައެވެ. މި މައްސަލަ މިހާރު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް 12 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ސްކޫލް ނިންމާ އިމްތިހާނެއްގެ މާކްސް ދިނުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެންވެސް މުޅި އިންޑިއާގައި ވަނީ މުޒާހަރާކޮށް، ފެޑެރަލް އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. މީގެ ދެ އަހަރުކުރިން 'ނީޓް' އިމްތިހާނުގައިވެސް ކަރުދާސް ލީކުވުމާއި، މަކަރު ހެދުމާއި، އަދި ގްރޭސް މާކްސް ދިނުމުގައި ހުރި އުސޫލާ ހިލާފު ކަންތައްތަކެއްގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް އާދަޔާ ހިލާފަށް މަތީ މާކްސް ލިބިފައިވާ މައްސަލަ ވަނީ ބޮޑުވެފައެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން، ބުނެފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް އަލުން ބާއްވާ އިމްތިހާނު ކުރިއަށްދާނެތީ ޓެލެގްރާމް ބްލޮކް ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ކަރުދާސް ލީކުވިކަމުގެ ދޮގު ހެކި އުފެއްދުމަށް ޓެލެގްރާމްގެ 'މެސެޖް އެޑިޓް' ކުރާ ފީޗަ ބޭނުންކުރާތީ، މި މަހުގެ 30އާ ހަމައަށް އެ ފީޗަވެސް މެދުކަނޑާލުމަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އިންޑިއަން ސައިބަ ކްރައިމް ކޯޑިނޭޝަން ސެންޓަރުން ވަނީ މަކަރާއި ހީލަތް ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޓެލެގްރާމް ޗެނަލްތަކާއި، ގްރޫޕްތަކާއި، ބޮޓްތައް ނައްތާލާފައެވެ. ބައެއް ޗެނަލްތަކުން އިމްތިހާނު ކަރުދާސް ދޭނެ ކަމަށް ބުނެ ދަރިވަރުންނާއި އާއިލާތަކުގެ އަތުން އެތައް ލައްކަ ރުޕީސްއެއް އަތުލާފައިވާ ކަމަށްވެސް 'އެންޓީއޭ'އިން ތުހުމަތުކުރެއެވެ. ނަމަވެސް އިމްތިހާނުގެ ރަސްމީ ނިޒާމުން ބޭރުގައި އެއްވެސް ކަރުދާހެއް ނުހުންނާނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ. މި ބްލޮކްގެ ސަބަބުން، ތައުލީމީ އަދި މަސައްކަތުގެ ބޭނުމަށް ޓެލެގްރާމް ބޭނުންކުރާ އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި 'އެންޓީއޭ'އިން ވަނީ މައާފަށް އެދިފައެވެ. އިންޑިއާގެ ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ 'އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން' (އައިއެފްއެފް)އިން ވަނީ މި ނިންމުމަކީ ދެފުށް ފެންނަ ނިންމުމެއް ނޫން ކަމަށާއި، މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ. އެ ފައުންޑޭޝަނުން ބުނީ، އިމްތިހާނުގެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދެރަ ލިބެނީ ކިޔެވުމަށްޓަކައި ޓެލެގްރާމަށް ބަރޯސާވާ އެތައް ހާސް އާންމު ދަރިވަރުންނަށް ކަމަށެވެ. އަދި ޓެލެގްރާމް ބްލޮކް ކުރުމަކީ ތައުލީމީ ނިޒާމުގެ ތެރެއިންނާއި ލޮޖިސްޓިކްސްގެ ތެރެއިން ކަރުދާސް ލީކުވާ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ