ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަމުގެ ކުރިއެރުން ބޮޑު ދައުރެއް އަދާކުރި ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ވެސް، ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ ވަރުގަދަކަންމަތީ ހިފެހެއްޓިފައެވެ.
މިކަން ހާމަކޮށްފައިވަނީ އައި.އެމް.އެފްގެ ވަފުދަކުން 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ވަގުތީ ރިޕޯޓުގައެވެ. ޕިޔަޕޯން ސޮޑްސްރީވިބޫން އިސްކޮށް ހުންނަވައިގެން އައިއެމްއެފްގެ މި ވަފުދު ޖޫން މަހުގެ 4 އިން 14 އަށް މާލެއަށް ކުރި ޒިޔާރަތުގައި، ރާއްޖޭގެ އިޤްތިޞާދީ އެންމެ ފަހުގެ ހާލަތާއި، ކުރިމަގުގެ ލަފާކުރުންތަކުގެ އިތުރުން ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އައިއެމްއެފް އިން ފާހަގަކުރި ގޮތުގައި، ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު މި ކުރިއެރުމާއި، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ލިބުނު އެހީތެރިކަމުގެ ސަބަބުން، ކުރިމަތިވެފައިވާ މާލީ ފިއްތުންތައް ކުޑަވެ، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ދުނިޔޭގެ އިޤްތިޞާދަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހިފެހެއްޓުމަށާއި، ބޭރު ފައިސާ ވަނުމަށާއި، ރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް އަދާކުރަނީ ނުހަނު މުހިންމު ދައުރެކެވެ.
އެހެންނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާކަން އައިއެމްއެފް އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ހަރަކާތްތައް މަޑުޖެހުމާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން، 2026 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން (ޖީ.ޑީ.ޕީ) ގާތްގަނޑަކަށް 1 އިންސައްތައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، 2027 ވަނަ އަހަރު އިޤްތިޞާދު އަލުން އިއާދަވާން ފަށައި، މެދު ރާސްތާގައި އިޤްތިޞާދީ ކުރިއެރުން ގާތްގަނޑަކަށް 4 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
އައިއެމްއެފް އިން އިތުރަށް ވިދާޅުވީ، މުހިންމު ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި މާލީ އެއްބަސްވުންތައް އެކުލަވައިލުމަކީ، ރާއްޖޭގެ އިޤްތިޞާދު ބަރޯސާވާ ދާއިރާތައް ފުޅާކުރުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށެވެ. މީގެ އިތުރުން، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ގަވަރނަންސް ރަނގަޅުކުރުމާއި، ވިޔަފާރިކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ކުރެވޭ އިޞްލާޙީ މަސައްކަތްތަކުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބާރަކަށް ވާނެ ކަމަށެވެ.
އެ އިދާރާއިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ނުތަނަވަސްކަން ހައްލުކުރުމަށާއި، ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، މާލީ ހަމަޖެހުން ދެމެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައެވެ. އަދި މި ފިޔަވަޅުތައް އަޅާއިރު، މުޖުތަމަޢުގެ ނާޒުކު ފަންތީގެ މީހުންނަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އައިއެމްއެފް އިން ލަފާދީފައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ