ޖޯޑަން ބަލިކޮށް އޮސްޓްރިއާ އަށް ފީފާ ވޯލްޑް ކަޕްގައި ރަނގަޅު ފެށުމެއް

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޖޯޑަން 3-1 އިން ބަލިކޮށް އޮސްޓްރިއާ އިން މޮޅަކުން މި ފަހަރުގެ މުބާރާތް ފަށައިފި އެވެ. 
މެޗު ފަށައިގެން އޮސްޓްރިއާ އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި، ޖޯޑަންގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެން ފެށި އެވެ. ނަތީޖާ އަަަކަށްވީ މެޗުގެ 21 ވަަނަ މިނިޓްގައި ލަނޑު ޖަހައި އޮސްޓްރިއާ އިން ލީޑުނެގުމެވެ. އޮސްޓްރިއާ އަށް މި ލަނޑު ޖަހައިދިނީ ރޮމާނޯ ޝްމިޑް އެވެ. އޭނާ މި ލަނޑު ޖެހީ، ޒޭވާ ޝާގްލާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައިގެންނެވެ. 
ފުރަތަމަ ހާފުގައި އޮސްޓްރިއާގެ މާކޯ އާނައުޓޮވިޗް ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމާފައިވަނީ ގޯލެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ޖެހުނު ހަމައެކަނި ގޯލާ އެކު ރަނގަޅަށް ޑިފެންސްކޮށް ލީޑުގައި އޮވެގެން، އޮސްޓްރިއާ އިން ފުރަތަމަ ހާފު ނިންމާލި އެެވެ. 
ޖޯޑަން އިން ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ ނަތީޖާ ހަމަހަމަކުރި އެވެ. އެ ގޮތުން، މެޗުގެ 50 ވަނަ މިނިޓްގައި، ޖޯޑަން އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އަލީ އިޔާދު އުލްވާން އެވެ. ޖޯޑަންގެ ތާރީހުގައި ވޯލްޑް ކަޕެއްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަވާބްދޭ އެވެ. 
ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، ޖޯޑަން އިން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 76 ވަނަ މިނިޓްގައި، އޮސްޓްރިއާ އިން ދެ ވަނަ ލަނޑެއް ޖަހައި، އަލުން ލީޑުނެގި އެވެ. އެ ގޮތުން، މި ލަނޑަކީ، އޮސްޓްރިއާގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޒަޔާޒް އަލް އަރަބް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 
އިތުރު ގޯލެއް ޖަހައި، އޮސްޓްރިއާ އިން ތިން ޕޮއިންޓް ޔަގީންކުރަން ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބުނީ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެ ގޮތުން، އޮސްޓްރިއާގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގެ 11 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން. ކާމިޔާބުކުރީ މާކޯ އާނައުޓޮވިޗް އެވެ. މިއީ، އާނައުޓޮވިޗް ޖެހި ޝޮޓެއް އަތްލައިގެން ބްލޮކްކުރުމުން، ވީއޭއާރް އިން ބަލައިފައި ދިން ޕެނަލްޓީ އެކެވެ. 
އޮސްޓްރިއާ އިން ދެ ވަަނަ މެޗުގައި ކުޅޭނީ އާޖެންޓީނާއާ ދެކޮޅަށެވެ. އަދި، ޖޯޑަން އިން ބައްދަލުކުރާނީ އަލްޖީރިއާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ