މާލޭ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވަން މުއްތަލިބު ދެކޮޅުހައްދަވައިފި

މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާ ބައްދަލުކުރައްވަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެކޮޅު ހައްދަވައި މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުއްވައިފި އެވެ. 
ހައުސިން މިނިސްޓަރު މާލެ ސިޓީގެ މޭޔަރަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ މޭޔަރާއެކު މިނިސްޓްރީން ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވާތީ އާއި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން މޭޔަރާ މަޝްވަރާ ކުރެވުނު ކަންކަމަށް އެއްބާރުލުން ނުލިބޭތީ ކައުންސިލާ ބައްދަލުކުރެއްވުމުގެ ބަދަލުގައި ބޭނުންވަނީ ލިޔެކިޔުމުން މުއާމަލާތްކުރަން ކަމަށެވެ. 
"ވޭތުވެދިޔަ ދުވަސްތަކުގައި މޭޔަރާ ކުރެވިފައިވާ މުއާމަލާތްތައް ހަގީގަތް އޮޅޭގޮތަށް އެކި ޕްލެޓްފޯމްތަކުގައި މޭޔަރު ވާހަކަދައްކާފައިވާތީ އާއި މާލޭގެ ތަރައްގީ އާއި ލުއިފަސޭހަކަން ގެނެސްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މިހާތަނަށް މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަންކަމަށް މޭޔަރުގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާތީ އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށްވާނީ މީޑިއާ ސްޓަންޓް ޖެއްސުމުގެ ބަދަލުގައި ލިޔެކިޔުމުން މުއާމަލާތްކުރުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އެ ސިޓީގައި ބުންޏެވެ. 
މިއަދު ބޭއްވި މާލެ ސިޓީ ކައުސިލުގެ ރަސްމީ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިހާތަނަށް މިނިސްޓަރު މުއްތަލިބު ވަގުތު ނުދެއްވާތީ އަނގަބަހުން ވެސް އަދި ބައްދަލުކުރައްވައިގެން ވެސް މިނިސްޓަރާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާނެ ކަމަށެވެ. 
މާލެ ސިޓީ ކައުންސިލުން ފޮނުވާ ސިޓީތަކަށް ހައުސިން މިނިސްޓްރީން ޖަވާބު ނުދޭތީ، މޭޔަރާއި ކައުންސިލް މެންބަރުން މިއަދު އެ މިނިސްޓްރީއަށް ވަޑައިގެންފިއެވެ. މައިގަނޑު ގޮތެއްގައި މި މައްސަލަ ކުރިމަތިވީ މަސްމާރުކޭޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ދެ ފަރާތުގެ މެދުގައި މަޝްވަރާނުކުރެވި، އެއްބާރުލުން ނުލިބޭތީ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
"މިހާތަނަށް އެއްވެސް ބައްދަލުވުމެއްގައި އަޅުގަނޑު މިނިސްޓަރާއެކު ބައިވެރިވެފައެއް ނުވާނެ. އެއީ އަޅުގަނޑަށް ވަގުތު ނުދެއްވާތީވެ. އެހެންވީމަ ރައްޔިތުންނަށް މިކަން ސާފުވާން އެބަޖެހޭ. އަދި އަޅުގަނޑާއެކު އަނގަބަހުން އަދި  ފޯނަކުން ވެސް އެބޭފުޅާ އާއި އަޅުގަނޑާ ވާހަކަދެކެވިފައި ނުވާނެ މިހާތަނަކަށެއް. އެއީ ފޯނުވެސް ނުނަގާތީ އެބޭފުޅާ،' މޭޔަރު ވިދާޅުވި އެވެ. 
އާޒިމް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ މީހުންނާ ބައްދަލުކުރައްވަން މިނިސްޓަރު ދެކޮޅު ހެއްދެވުން ބަލައި ނުގަނެވޭނެ ކަމަށެވެ. ލިޔެކިޔުމުން ވެސް ކައުންސިލުން ބޭނުންވާ މައުލޫމާތު ހޯދަން ހައުސިން މިނިސްޓްރީއަށް ސިޓީތައް ފޮނުވާފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ ސިޓީތަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށެވެ. 
އެކި ކަންކަމުގައި މާލެ ސިޓީ ކައުންސިލުން ބައްދަލުކުރައްވާ މަޝްވަރާކުރަން އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ނުދޭތީ އެ ކައުންސިލުގެ ހުރިހާ މެންބަރުން މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީއަށް ދިޔަ އެވެ.
މާލެ ސިޓީ ކައުންސިލުގެ 17 މެންބަރުންނާއި މޭޔަރު، އާދަމް އާޒިމް ހައުސިން މިނިސްޓްރީއަށް ވަޑައިގަތުމުން މި ހަފްތާ ތެރޭގައި މިނިސްޓަރާއެކު ބައްދަލުކުރައްވަން ތާވަލުކޮށްދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބު މިހާރު ވަނީ ކައުންސިލާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ