މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

މާލޭ ސިޓީ ކައުންސިލް ބޭނުންވާ މައުލޫމާތު ނުދޭކަމަށް ބުނެ މާލޭގެ މަސް މާރުކޭޓު އަޅާ ބިން ހައުސިން މިނިސްޓްރީއާ ހަވާލުނުކުރުމަށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަސް މާރުކޭޓު އެޅުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، އެ ބިން ހަވާލުކުރުމުގެ ކުރިން ގާނޫނީ ގޮތުން ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެ ކަންކަން ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ އެކި މަޝްރޫއުތަކަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށް، ސަރުކާރުން ފާހަގަކުރެއެވެ. އަދި ހަގީގަތް އޮޅޭގޮތަށް އާއްމު ރައްޔިތުންނަށާއި މީޑިއާތަކާއި މައުލޫމާތު ހިއްސާކުރާކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ. މިގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބުވެސް ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު، އަނގަބަހުން ކުރައްވާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ވާހަކަތައް ހަގީގަތް އޮޅޭ ގޮތަށް ވިދާޅުވަމުން ގެންދަވާތީ، ލިޔެކިޔުމުން ނޫނީ މޭޔަރާ ދެން މުއާމަލާތައް ނުކުރައްވަން ނިންމަވާކަމަށް ބުނެ ސިޓީ ކައުންސިލަށް ސިޓީއެއްވެސް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ