ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ ”ޖަންގަލީގެ އުސޫލު“ ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން މާލޭގައި ބޭއްވި ”ވަޒީފަާ ބުރާސްފަތި“ އިހުތިޖާޖުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، މިފަދަ ފުޓުބޯޅަ އީދެއްގައި ހުކުރު ވިލޭރޭ އާއިލާތަކާއެކު ވަގުތު ހޭދަކުރަން ގިނަ ބަޔަކު ބޭނުންވާ ވަގުތެއްގައި އެފަދަ ފުރުސަތެއް ދޫކޮށްލާފައި މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
”މި ފަދަ ފުޓުބޯޅަ މޫސުމުގައި އަޅުގަނޑުމެން މަގުމައްޗަށް ނުކުމެ މިތިބެނީ އަޅުގަނޑުމެންނަށް ހަމަ ފަސޭހަ ކަމަކަށް ވާތީ ކަމަށްތޯ ހީފުޅުވެގެން މި އުޅުއްވަނީ؟ ހުކުރު ވިލޭރޭ އަނބިދަރިންނާއެކު ގޭގައި ހޭދަކުރަން އޮތް ވަގުތުތަކުގައި އަޅުގަނޑުމެން މަގުމައްޗަށް ނުކުމެ މި މުޒާހަރާކުރަން މި ޖެހެނީ އަޅުގަނޑުމެންނަށް ފަސޭހަ ކަމަކަށް ވާތީތޯ ހީފުޅު މިވަނީ؟“ – އިންތި
ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންނާމެދު އަމަލުކުރަމުންދަނީ ވަރަށް އިހާނެތިކޮށް ކަމަށް ސިފަކުރައްވައި، އިމްތިޔާޒް ވިދާޅުވީ މީހުންގެ ވަޒީފާ ނަގައިލަނީ އެމީހުން ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން ކަމަށެވެ. އަދި ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ އެއްވެސް ތަހުޒީބީ ގައުމެއް ދުނިޔޭގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ދުނިޔޭގެ އެއްވެސް ގައުމެއްގެ ކުންފުންޏެއްގެ އެއްވެސް މުޖުތަމައެއްގައި މިއަދު ދައްކާ ވާހަކައެއްތޯ ސަރުކާރަށް ތާއީދު ނުކުރާތީވެ ވަޒީފާއިން ކަނޑާލާ ވާހަކަ؟“ – އިންތި
ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ގާއިމުކުރުމަށް ކުރި ގިނަ އަހަރުތަކުގެ މަސައްކަތްތައް ފަހަތަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، މިހާރުގެ ހާލަތު އޭނާ ސިފަކުރެއްވީ ”ޖަންގަލީގެ އުސޫލު“ ގޮތުގައެވެ.
”މި ވެރިކަން މި ހިނގަނީ ޖަންގަލީގެ އުސޫލުން،“ – އިންތި
މީގެ އިތުރުން، މީހުން ވަޒީފާއިން ވަކިކުރަމުންދަނީ ހަމައެކަނި ރިޔާސީ އިންތިހާބާ ގުޅިގެން ނޫން ކަމަށާއި، ބައި-އިލެކްޝަންތަކާއި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާ ގުޅިގެން ވެސް ބަދަލުހިފުމުގެ ރޫހުގައި މީހުން ވަކިކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރީ އިދިކޮޅު ލީޑަރުންނަށް ސަލާމްކުރުމުން ނުވަތަ އިހުތިރާމް އަދާކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުގެއަށް އޮތް ނުފޫޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ފަނޑިޔާރުން ބައިވެރިވެ، ދިދަ ހިފައިގެން މަރުހަބާ ދެންނެވުމަށް ސަފު ހަދައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފަނޑިޔާރުންނަކީ މިނިވަން ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ސިޔާސީ ހަރަކާތްތަކުގައި އެ ބޭފުޅުން ބައިވެރިކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ފަނޑިޔާރުންނަކީ ވަކި އަތަކަށް ނުޖެހި ވަޒީފާ އަދާކުރަން ޖެހޭ ބަޔެއް. ސަރުކާރަކާ ގުޅުމެއްވާ ބަޔެއް ނޫން އެއީކީ. އެ ބޭފުޅުންނަކީ ވަޒީފާގައި ތިބެން ޖެހޭނެ ބައެއް. އެހެންނަމަވެސް ބައްލަވާ، ސަރުކާރުގެ ވެރިން ރައީސް މުއިއްޒު ރައްރަށަށް ވަޑައިގެންނެވީމާ މަރުހަބާ ދެންނެވުމަށް ޓަކައި ދިދަ ހިއްޕަވައިގެން ގައިގައި ފޮތި އޮޅައިގެން ނިކުންނަން މަޖުބޫރުކޮއްގެން މި އޮތީ ގަވާއިދު ހަދާފައި،“ – އިންތި
ވާހަކަފުޅު ނިންމަވާލައްވަމުން އިމްތިޔާޒް ވަނީ، ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އެމްޑީޕީއިން އަލުން ވަޒީފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި އިހުތިޖާޖުތަކަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތާއީދު ލިބެމުންދާ ހަރަކާތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރޭ 8:30 ގައި ރަސްފައްނުން ފެށި އިހުތިޖާޖު ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސް ނިންމާލީ އާޓިފިޝަލް ބީޗުގައެވެ. އިހުތިޖާޖުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް އެމްޑީޕީގެ އިސްފަރާތްތަކާއި އާންމު މެމްބަރުން ވަނީ ޝުއޫރުތައް ފާޅުކުރައްވައިފައެވެ.
ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ ޖަންގަލީގެ އުސޫލު: އިމްތިޔާޒް ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ