އެމެރިކާ-އީރާން އެއްބަސްވުން: ޞަހްޔޫނީންނަށް ބޮޑު ނާކާމިޔާބީއެއް

ޖޫން 17 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ސޮއިކުރެއްވި އިބުތިދާއީ ސުލްޙައިގެ އެއްބަސްވުމާއެކު، ހުޅަނގު އޭޝިޔާ ސަރަޙައްދުގެ ބާރުތަކުގެ މަސްރަޙު ބަދަލުވެ، ޞަހްޔޫނީންގެ ހީލަތްތެރި ރޭވުންތައް ނާކާމިޔާބުވެއްޖެއެވެ.
ތެހްރާނާއި ވޮޝިންގޓަނުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ މި ޤަރުނުގައި މިހާތަނަށް ސޮއިކޮށްފައިވާ އެންމެ މުހިންމު އެއްބަސްވުމުގެ ގޮތުގައި، ނުވަތަ "ޤަރުނުގެ އެއްބަސްވުމުގެ" ގޮތުގައި ގިނަ ބަޔަކު ސިފަކުރައްމުންދާއިރު، މިއީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްތިޢުމާރީ ޔަހޫދީންނަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. 14 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ ދަށުން، 60 ދުވަހުގެ މުއްދަތަކަށް ޙަމަލާތައް މެދުކަނޑައިލައި، ފުރިހަމަ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ފެށިގެންދާނެއެވެ. މިއީ، އީރާންގެ ވެރިކަން ވައްޓައިލުމަށް ޔަހޫދީން ކުރި އުއްމީދުތައް ފުނޑުފުނޑުވެ، އީރާނުގެ ސަރަޙައްދީ ބާރުވެރިކަން ރަސްމީކޮށް ބަލައިގަންނަން އެމެރިކާއަށް މަޖުބޫރުވި ޙާލަތެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ޔަހޫދީ ދާރިސުން ސިފަކުރި ގޮތުގައި ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމަކީ ޔަހޫދީންނަށް ކުރުމަތިވި "ބޮޑު އިސްތިރާޖީ ކާރިސާ" އެކެވެ. އީރާނުގެ މިސައިލް ޕުރޮގުރާމު ހުއްޓުވުމާއި، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަށް ތެހްރާނުން ވާގިވެރިވުން ހުއްޓުވުމަށް ޔަހޫދީ ދައުލަތުން ބޭނުންވި ނަމަވެސް، އިބުތިދާއީ އެއްބަސްވުމުގައި އެ ކަންކަން ހިމަނާފައެއް ނެތެވެ. މިއާއެކު، އީރާނާ ދެކޮޅަށް ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދައްކަމުން އަ
އި ވާހަކަތަކުގެ ބާރު ކެނޑި، ބައިނަލްއަޤުވާމީ މައިދާނުގައި ޔަހޫދީން އެކަހެރިވުން އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. މީގެ އިތުރުން، އެއްބަސްވުމާއެކު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިލިބި، ތެޔޮ އެކްސްޕޯޓު ކުރުމުގެ މަގު ފަހިވެފައިވާއިރު، މިއީ ތެހްރާނަށް ލިބުނު ފުރިހަމަ ސިޔާސީ ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މި އެއްބަސްވުމާއެކު ލުބްނާނުގައި އީރާނަށް އޮތް ތާއީދާއި ޙިޒްބުالله ގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އީރާންގެ އޮފިޝަލުން ވިދާޅުވީ، ޙިޒްބުالله ފަދަ އެކުވެރިންގެ ދިފާޢުގައި އަލުން ހަނގުރާމަ ފެށުމަށް ތެހްރާނުން އަދިވެސް އޮތީ ތައްޔާރަށެވެ. މި އެއްބަސްވުމުގެ ސަބަބުން ޞަޔްހޫނީ ދައުލަތުގެ އިތުރުން ގަލްފް ޢަރަބި ބައެއް ޤައުމުތަކަށް ސިހުންގެނުވި ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އެ ފަރާތްތަކުން ބުނީ، މި އެއްބަސްވުމާއެކު، ގަލްފް ޢަރަބި ޤައުމުތަކަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ރައްކާތެރިކަމާމެދު އޮތް އިތުބާރު ފަނޑުވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، އީރާނަކީ ހުޅަނގު އޭޝިޔާގެ ސަރަޙައްދީ ބާރެއްގެ ގޮތުގައި ބަލައިގަނެ، ތެހްރާނާއެކު އޮތް ގުޅުންތައް ފުޅާކުރުމަށް ގަލްފުގެ ޤައުމުތަކަށް މަޖުބޫރުވެގެންދާނެ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާންގެ ކުރީގެ އިސް މުރުޝިދު ޝަހީދުކޮށްލައި، ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ތެހްރާންގެ އިތުރުން ލުބްނާނުން 7,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ރައްދުގައި އީރާނުން ވަނީ ސިޔާސީ އަދި އަސްކަރީ ގޮތުން ޔަހޫދީން ނުކުޅެދުންތެރިކޮށްލާފައެވެ. އަދި، ލަދުގެންނުވައިލާފައެވެ. މި އެއްބަސްވުމަކީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އަދި، ބައިނަލްއަޤުވާމީ މައިދާނުގައި ޞަހްޔޫނީން އިތުރަށް ބާކީވެ، އީރާނުގެ ނުފޫޒު ގަދަވަމުންދާ މަންޒަރު ފެނިގެންދާނެ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ