އައްޑޫ ސިޓީގައި ކުއްލި ފަރުވާގެ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަހަރުގެ ތެރޭގައި ޕެރާމެޑިކް އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އޭއީއެޗްގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވީ، މި ހިދުމަތަށް ބޭނުންވާ ޕެރާމެޑިކުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން (އީއެމްޓީ) ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ޑރ. އަދީލް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެންމެ ދިގު މަގުތައް އޮންނަ އައްޑޫ ސިޓީގައި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުންދިއުމަކީ ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމަންޓަށް ބޮޑު ބާރެއް ބޮޑުވާ ކަމެކެވެ. މިވަގުތު ޕެރާމެޑިކުން ނެތުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތަކަށް ފޮނުވަނީ ނަރުހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އޭއީއެޗްގެ ދަށުން ހިންގާ ސިއްހީ މަރުކަޒުތަކުގެ ނެޓްވޯކް މެދުވެރިކޮށް، ސިޓީގެ ކޮންމެ ސަރަހައްދެއްގައި ހާދިސާއެއް ހިނގި ނަމަވެސް އަވަހަށް އިޖާބަދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ޑރ. އަދީލް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގައި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެވޭ ކުއްލި ފަރުވާގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، އެމްބިއުލާންސްތަކަށް ހާއްސަ ކޮމްޕްލެކްސެއް ގާއިމުކުރުމަށް ރާވާފައިވާ ކަމަށް ވެސް ޑރ. އަދީލް ހާމަކުރެއްވިއެވެ.
ޕެރާމެޑިކުންނާއެކު އެމްބިއުލާންސްގެ ހިދުމަތް ފެށުމުން، ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުވެ، ކުއްލި ހާލަތްތަކުގައި ދެވޭ ހިދުމަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިއަހަރު ޕެރާމެޑިކް އެމްބިއުލާންސްގެ ހިދުމަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ