ދަރަނި ދެއްކޭނީ ހަރަދު ކުޑަ ކޮށްގެން، އެ ނޫން ގޮތެއް ނެތް!

ދިވެހިރާއްޖޭގެ އިގުތިސޯދީ ހާލަތު މިއަދު އޮތް ގޮތުން، ދައުލަތުގެ ދަރަނި މެނޭޖުކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވާ ކަންތަކެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދާދިފަހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެއް ޕަސެންޓަށް ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދަރަނި ދެއްކުމުގެ ގާބިލުކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، ހަކަތައިގެ އަގު ބޮޑުވުމެވެ. މީގެ ސަބަބުން އިމްޕޯޓު ބިލު ބޮޑުވެ، ދައުލަތުން ދޭންޖެހޭ ސަބްސިޑީގެ ހަރަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އައިއެމްއެފްއިން ބުނާ ގޮތުގައި، ރާއްޖޭގެ ދަރަނި ހުރީ ވަރަށް މަތީ މިންވަރެއްގައެވެ. މީގެ ސަބަބުން ބޭރުގެ ދަރަނި ނުދެއްކުމުގެ ނުރައްކާ ނުވަތަ ’ޑެޓް ޑިސްޓްރެސް‘ އޮތީ ވަރަށް މަތީގައެވެ.
ދަރަނިން ސަލާމަތްވުމަށް އޮތް އެންމެ ކުރު އަދި އެންމެ އިތުބާރު ހުރި މަގަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމެވެ. މިގޮތުން، ސަރުކާރުން މިހާރުވެސް ދަނީ ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ސަބްސިޑީގެ ނިޒާމު އިސްލާހުކޮށް، ހަމައެކަނި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ ގޮތް ހެދުން ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން ބޭކާރު ގޮތުގައި ހޭދަވާ ފައިސާ ސަލާމަތްކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ހަމައެހެންމެ ދައުލަތުގެ މާލިއްޔަތަށް އޮތް އެންމެ ބޮޑު އެއް ބުރައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ކުންފުނިތަކުގެ އޯވަސައިޓް ނުވަތަ ބެލެހެއްޓުން ހަރުދަނާކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުނިތަކަކަށް ހެދުމުން، ދައުލަތުން އެ ކުންފުނިތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެއެވެ.
ދެބަސްވެވެން ނެތް ހަގީގަތަކީ ރާއްޖެއިން ބޭރަށް ދާ ފައިސާގެ ބޮޑު ބައެއް ހޭދަވަނީ ތެޔޮ ގަތުމަށެވެ. އެހެންކަމުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ އިގުތިސޯދީ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުން، ތެލަށް ކުރާ ހަރަދު ކުޑަވެ، ބޭރު ފައިސާ ގައުމުގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
އަޅުގަނޑުގެ ހިޔާލުގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތް ގޮތުން، ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ބޮޑުވުމަކީ ދައުލަތުގެ ބަޖެޓަށް ނުކަތާވަރުގެ ބުރައަކަށް ވަނީ ވެފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް ކުރި ހޭދަ ވަނީ 477.4 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް %10 ގެ އިތުރުވުމެކެވެ. ޖުމްލަ 5.3 ބިލިއަން ރުފިޔާ މުސާރައަށް ހޭދަކުރެވިފައިވާއިރު، މިއީ އާމްދަނީއާ ނުބައްދަލު ބޮޑު އަދަދެކެވެ. ދައުލަތުގެ އިދާރީ ހިންގުމަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުމަކީ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހުރަސްއެޅޭ ކަމެކެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވާ އަނެއް ސަބަބަކީ ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކަށް ދޭންޖެހޭ ސަބްސިޑީއާއި މާލީ އެހީތެރިކަމެވެ. މިދިޔަ އަހަރަށްވުރެ މިއަހަރު ކުންފުނިތަކަށް ދޫކުރި ފައިސާ އިތުރުވެފައިވާއިރު، އޭގެ ބޮޑު ބައެއް ހޭދަވަނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އަމިއްލަ ފައިމައްޗަށް ނުތެދުވެވޭ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރުމަކީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫނެވެ.
މިހާތަނަށް ދައުލަތުން ކުރި ޖުމްލަ ހަރަދުގެ %33 އަކީ ދަރަނި ދެއްކުމަށް ކުރި ހޭދައެވެ. މިއީ ބިރުގަންނަންޖެހޭ ފަދަ މަތީ އަދަދެކެވެ. ދުނިޔޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، ހާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ފަތުރުވެރިކަމަށް އައި ލޮޅުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ %6 ދަށަށް ގޮސްފައެވެ. އާމްދަނީ ދަށްވެ، ހަރަދުތައް %49 އިތުރުވުމަކީ މާލީ ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެ ކަމެކެވެ.
އަޅުގަނޑަށް ފެންްނަ ގޮތުގައި ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރަން ޖެހެއެވެ. މުސާރައާއި އިދާރީ ހިންގުމަށް ކުރާ ބޮޑެތި ހޭދަތައް ކުޑަކޮށް، ދަރަނި ދެއްކުމަށް އިސްކަންދިނުމަކީ މިއަދު ގައުމަށް އެންމެ ފައިދާހުރި ގޮތެވެ. އާމްދަނީ އިތުރުކުރުމަށް އާ ވަސީލަތްތައް ހޯދުމާއެކު، އިސްރާފު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ދަރަނި ދެއްކޭނީ ހަރަދު ކުޑަކޮށްގެންނެވެ. އެ  ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ