ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް މިއަދު ފަށައިފި

އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް މިއަދު ފަށައިފިއެވެ.
އެކަމަށް ޓަކައި މިއަދު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އިހުލާސްތެރި އަދި އަބުރުވެރި ޒުވާން ޖީލެއް ބިނާކުރުމެވެ.
16 ހަފުތާގެ މުއްދަތަށް ފެށި މި ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ. މި ކޯސް ފުރިހަމަކުރުމަށް ޓަކައި ކޯހުގެ ދަރިވަރުން ވަނީ ޖޫން 3 ވަަނަ ދުވަހު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސްކޫލަށް ރިޕޯޓްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވައުދު ލައިދީ ދަރިވަރުންގެ އަޒުމް ވަނީ އައުކޮށްފައެވެ. އެގޮތުން މުދައްރިބުންނަށް ވައުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް އަޒުމް އައުކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.
މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގއާއި މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ. 4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝާރިމާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާގާއި، މި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަކީ ގައުމީ ހިދުމަތަށް ތައްޔާރުވެފައިވާ، އަދި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫޙު އާލާކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަހްލާގު ރަނގަޅު ޖީލެއް ބިނާކުރުމެވެ. މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ