ގާނޫނުއަސާސީ މުއިއްޒުވެ ގައުމު ހިންގާނެ ސަރުކާރެއްނެތް

ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ސިސްޓަމްތައް ފެއިލްވެފައިވާ ކަމުގެ އިހުސާސާއި މަންޒަރު ފެންނަން ފަށައިފިއެވެ. ދައުލަތުގެ އިދާރާތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަށައިގެން އެނބުރޭ ތަންތަނަށް ވެއްޖެއެވެ. ގާނޫނު ތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ ހަށިފާރަވެރިންނަށް ބަދަލު ވެއްޖެއެވެ. ގާނޫނުތައް މާނަ ކުރުން ވަނީ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުމަކަށް ވެފައެވެ. 
ނޫ ގާނޫނު އަސާސީއަކުން ފެހި ގާނޫނު އަސާސީ އަށް ދިވެހިން ހިޖުރަ ކުރީ މުޅިން ތަފާތު މަގުސަދެއް ހާސިލު ކުރުމުގެ އުންމީދަކާއި އެކުގައެވެ. ދުނިޔޭގެ ދޮށީ ގައުމުތަކުގައި ތަޖުރިބާ ކޮށްފައިވާ ހެޔޮ ގޮތްތައްއެކުލެވިފައިވާ އަދި ގުޅިފައިވާ ނިޒާމެއް ދިވެހިރާއްޖޭގައި ބިންވަޅު ނެގުމަށެވެ. މި ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވި އެއްބާރު އަނެއްބާރާއި އެކު މަސައްކަތް ކުރެވޭ އަދި އެއްބާރު އަނެއްބާރަށް ފާރަވެރިވާ ޑެމޮކްރަސީ އެކެވެ. މި ފާރަވެރިވުމަކީ އެއްބާރު އަނެއްބާރަކަށް ދަތި ކުރުމުގެ ބަދަލުގައި ބާރުތައް ހަމަމަގުގައި ގެންގުޅުމުގެ ނިޒާމެކެވެ. 
ރާއްޖެ މަރުހަބާކީ ތިންބާރު ވަކިވެފައިވާ ނިޒާމަކަށެވެ. އެއްބާރުން އަނެއްބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ނިޒާމަކަށެވެ. އަދި ހަމަ އެ ނިޒާމުތަކުގެ ތެރެއިން ގައުމުގެ މާލީކަންކަމާއި ހިންގުމުގައި ހިނގާ ގޯސްތައް ބެލުމަށް ވަކި ވަކި މިނިވަން މުވައްސަސާތަކެއް ހިމެނޭ ގޮތަށެވެ. ނަމަވެސް މިއަދުގެ ހަގީގަތަށް ރިއާޔަތް ކުރާ އިރު ރާއްޖޭގެ މިނިވަން މުވައްސަސާތައްވަނީ ކޮރު ކަނު ބީރު ތަންތަނަށް ބަދަލުވެފައެވެ. 
ދައުލަތުގެ އިސް ވަކީލު އެޓޯނީ ޖެނެރަލް (އޭޖީ) ގާނޫނު މާނަ ކުރަން މަޖުބޫރުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ މާނަ ކުރާ ގޮތަކަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ގާނޫނުގެ ތަރުޖަމާތަކަކީވެސް  ރައީސުލްޖުމްހޫރިއްޔާ ރުއްސުމާއި ގުޅިފައިވާ ކަމަކަށް ވަނީ ވެފައެވެ. ޕީޖީގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ކޮރު ބައިވަރު ކަންކަން ސަބަބުތަކާއި ހުރެ އެބަހުއްޓެވެ.
ޕީޖީގެ މަގާމުގައި ހުން މީހާ ސިޔާސީ ޕާޓީއެއް ތަމްސީލުކޮށް ރައީސުލް ޖުމްހޫރިއްޔާގެ ބެލުމުގެ ދަށުގައި ދުވަސްތަކެއްވަންދެން ސިޔާސީ މަގާމެއް އަދާކޮށް އާއިލާގެ ބަލަދުވެރިކަން ސަރުކާރެއްގެ އުޖޫރައަށް ބަރޯސާވާނަމަ ގާނޫނުގެ ހުރިހާ މަސްލަހަތެއް ބިނާވާނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ. އެކަން ވާނީވެސް އެހެންނެވެ. އަމިއްލަ އިހުތިޔާރެއް ނޯންނާނެއެވެ.
ރައްޔިތުންގެ މަޖިލިހުން ހަދާ ގާނޫނުތަކަކީ ރައީސުލް ޖުމްހޫރިއްޔާ ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހި ކުރުވާ ތަނަކަށް މަޖިލިސް ވެއްޖެއެވެ. ޝަރުއީ ކޯޓުތަކަކީ ރައީސުލް ޖުމްހޫރިއްޔާ ހެއްވާލާ ތަންތަނަށްވެ ނިމިއްޖެއެވެ. 
ރައީސް މައުމޫނުގެ ވެރިކަމުގައި މީހުން ބުނެ އުޅެއެވެ. ސުޕްރީމް ކޯޓަކީ ކޮބާހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. ގަވަރު ނަރަކީ ކާކުހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. ޑިފެންސް މިނިސްޓަރަކީ ކާކު ހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާ އެވެ.
މިއަދުގެ ހާލަތަކީ ކޮބާތޯއެވެ. ހިޔުމަން ރައިޓްސް ކަމިޝަނަކީި ރައީސުލްޖުމްހޫރިއްޔާއެއް ނޫން ތޯއެވެ. އޯޑިޓަރ ޖެނެރަލަކީ ވަކީން ކާކު ހެއްޔެވެ. އުއްތަމަށް ފަނޑިޔާރަކީ ކާކުތޯއެވެ. އިލްކްޝަންސް ކަމިޝަނަރ އަކީ ކާކު ހެއްޔެވެ. ހުރިހާ މަގާމުތަކެއް ފުރަނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެ މަގާމުތަކަށް އިތުރު އިނާޔަތްތަކެއްވެސް ރައީސުލް ޖުމްހޫރިއްޔާ ނަގަން ޖެހޭ ހިސާބަށް ހިނގައްޖެއެވެ. ކޯޓުތަކުގައި ހުކުމް ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ރުހޭ ހުކުމެކެވެ.
އުތުރު ކޮރެއާގައިވެސް މިއަށް ވުރެ ޑެމޮކްރަޓިކް ވާނެ ކަން ޔަގީނެވެ. ގާނޫނު އަސާސީ އަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ގެންގުޅޭ އަސަޔަށް ކިޔާ ނަމަކަށް ވެއްޖެއެވެ. ގާނޫނު ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުބަސްފުޅަށް ވީއެވެ. ގަވާއިދަކީ ރައީސުލް ޖުމްހޫރިއްޔާގެ ފަހަތު ފައިކޭޓުގައި އޮންނަ ވޮލެޓެވެ.
ގައުމު ހިނގަނީ ކީނޫނެވެ. ގައުމު އޮޔާ ދަނީއެވެ. ސިވިލް ސާރވަންޓުން އޮފީސްތަކަށް ދާނަމަ އޮފީސް ތަކުގައި ކޮންމެވެސް މަސައްކަތެއް ހިނގާނެއެވެ. ނަމެއްގައި ދައުލަތް ހިނގާނެއެވެ. ނަމަވެސް ރާއްޖޭގައި ގައުމު ހިންގާނެ ސަރުކާރެއް ނެތެވެ.
ދުވަހުން ދުވަހަށް ރައްޔިތުންގެ ހާލަތު ދަނީ ދަށަށެވެ. ތަކެތީގެ އަގުތައް އަތްނުފޯރާ ފަށުގައެވެ. ބޭރު ފައިސާ ލިބުން އިންތިހާއަށް ދަތިވެއްޖެއެވެ. ޑޮލަރު ގަންނަން ލިބެނީ ހާލުންނެވެ. މަޖުބޫރުވެގެން ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ލިބެނީ 20.50ރ އަށެވެ. ދިވެހީން މިނިވަންވެ މަސައްކަތް ކުރާނެ މަސައްކަތެއް އުފެއްދުމުގެ ގާބިލުކަން ސަރުކާރަކު ނެތެވެ.
ސުކޫކު ދައްކައިފިއެވެ. ދަރަނީގެ ބައެއް ދައްކައިފިއެވެ. ނަމަވެސް ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދުތަކަށް އެކަށީގެންވާ ލުޔެއް ނުލިބެއެވެ. އެތެރެއާއި ބޭރުން ނަގާ ދަރަނި ކުޑައެއް ނުވެއެވެ. މުއިއްޒު ސަރުކާރުގެ ދެ އަހަރުބައި ތެރޭގައި 50 ބިލިއަން އަށް ވުރެ އިތުރަށް  ދައުލަތުގެ ދަރަނި އިތުރުވެއްޖެ ކަމަށް ގިނަ ރިޕޯޓްތަކުން ފެނެއެވެ. 
ގައުމުގެ ވެރިކަމަށް އަންނަ ފަރާތްތައް ހަނީ މޫން އަށް ވަގުތު ކޮޅެއް ނަގައެވެ. ނަމަވެސް މިސަރުކާރު އަދިވެސް މިފެންނަނީ ހަނީ މޫނުގައި އުޅޭ ތަނެވެ. ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލު ކޮށްދޭން ޖެހެއެވެ. ސަރުކާރުގެ ދައުރު ނިމޭއިރު ދައުލަތުގައި މީނދާކޭ އުނބެއް އެކަނި އޮތުމަކުން ނުފުދެއެވެ. އަމާނާތަށް ހިޔާނާތްތެރި ނުވާނެ ކަމަށް އުންމީދު ކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ