ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ

މާލޭ ކޮމާޝަލް ހާބަރަށް ގެންނަ އަވަހަށް ހަލާކުވާ ބާވަތްތަކުގެ މުދާ ނުވަތަ ޕެރިޝަބަލް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު މެންދުރުފަހު 3:30 އިން ފެށިގެން މިރޭ 11:30 އާ ހަމައަށް މުދާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 51,528 ޕެކޭޖުގެ ޕެރިޝަބަލް މުދާ ވަނީ ކްލިއަރ ކޮށްފައެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކާއި، ފިނިހޫނުމިނަށް ބަދަލު އައުމުން ހަލާކުވާ ފަދަ ތަކެތި ހިމެނެއެވެ.
އެމްޕީއެލް އިން ބުނީ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް މިދިޔަ ހަފުތާގައި ވަރަށް ބާރުބޮޑުކޮށް ދިޔަ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަފުތާގައި ޖުމްލަ 1,823 ޓީއީޔޫގެ މުދާ ބާލާފައިވާއިރު، 1,692 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް ބަރުކޮށްފައެވެ.
ކާބޯތަކެތީގެ ސަޕްލައި މެދުނުކެނޑި ބާޒާރަށް ފޯރުކޮށްދިނުމަށާއި، އަވަހަށް ހަލާކުވާ މުދާ ރައްކާތެރިކަމާއެކު ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެމްޕީއެލް އިން އަންނަނީ ގަވާއިދުން މުދާ ކްލިއަރ ކުރާ ވަގުތުތައް އިތުރުކޮށްދެމުންނެވެ. މިއީ ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ހިފެހެއްޓުމަށާއި ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ