ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ، ޕާޓީ އޮތީ ބަދަހިކޮށް: އަބްދުއްރަހީމް

ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ ކަމަށާއި އެއީ ބަދަހި ޕާޓީއެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއް ނެތް ކަމަށާއި އެ ޕާޓީއަކީ ބަޔަކު ދައްކާހާ ވާހަކައަކަށް ގުޑާނެ ޕާޓީއެއް ނޫން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އަދި އެންމެ ބަދަހި ޕާޓީ ކަމަށެވެ. އެއީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީއިން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހީންގެ ގައުމު ކަމަށާއި އަދި މުޅި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް ކަމަށެވެ.
އަބްދުއްރަހީމް މި ޕޯސްޓު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޕީއެންސީ ބައިބައިވެފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަގައި އެމަނިފާނު ވިދާޅުވީ މިހާރު ރައީސް މުއިއްޒުވެސް މަގާމުން ދުރުވާންޖެހޭ ކަމަށެވެ.
މަޝްވަރާއެއް ނެތި ކަންކަން ކުރެއްވުމުގެ ސަބަބުން، ގައުމުގައި ކަންކަން ހިނގަމުންދާ ގޮތް ރައީސަށް އޮޅުން ނުފިލާ ކަމަށާއި، އެކަމުގެ ސަބަބުން ރައީސް މުއިއްޒު ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ރައީސް މުއިއްޒު ކަންތައް ކުރެއްވި ގޮތަށް ފާޑުވިދާޅުވެފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާ މެދު އަމަލުކުރައްވަމުންދާ ގޮތުންވެސް އެ ބޭވަފާތެރިކަން އެނގިގެން ދާކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ