އިންޑިއާގައި ޓެލެގްރާމް ބްލޮކް ކުރުން ނުހުއްޓުވުނު

މެސެޖިން އެޕްލިކޭޝަން ޓެލެގްރާމް އިންޑިއާގައި ވަގުތީގޮތުން ބަންދުކުރުމަށް އެ ގައުމުގެ ސަރުކާރުން ނެރުނު އަމުރު ބާތިލުކުރުމަށް ޓެލެގްރާމް ކުންފުނިން ކުރި މަސައްކަތް މިއަދު ނާކާމިޔާބުވެއްޖެ އެވެ.
ނިއު ދިއްލީގެ ކޯޓަކުން ނިންމި ނިންމުމުގައި ބުނީ، މެޑިކަލް ކޮލެޖުތަކަށް ކުދިން ވެއްދުމަށް ބާއްވާ މުހިންމު އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށާއި މަކަރު ހެދުން ހުއްޓުވުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީގޮތުން ހުއްދަ އަދި އެކަށީގެންވާ ފިޔަވަޅެއް ކަމަށެވެ.
މި މަހުގެ 16 އިން 22 ގެ ނިޔަލަށް މި އެޕްލިކޭޝަން، ދުނިޔޭގެ އެންމެ ބޮޑު އާބާދީއަށް ބަންދުކުރުމަށް ނިންމުމާ އެކު ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި، މިއީ ސަރުކާރަށް ފެންނަ ކޮންމެ ހިނދެއްގައި ކޮންމެ މެސެޖިން ޕްލެޓްފޯމެއް ވެސް ބޭނުންކުރުން ހުއްޓުވުމުގެ ބާރު ލިއްބައިދޭ، ނުރައްކާތެރި އުސޫލެއް ގާއިމުވެގެން ދިޔަ ނިންމުމެއް ކަމަށެވެ.
ޓެލެގްރާމް މަނާކުރީ، އިންޑިއާގެ މެޑިކަލް ކޮލެޖްތަކަށް ވަނުމަށް އިންޑިއާގައި ބާއްވާ ގައުމީ އިމްތިހާނު، ނެޝަނަލް އެލިޖިބިލިޓީ އެންޓްރަންސް ޓެސްޓް (ނީޓް) ޕޭޕަރު މިދިޔަ މަހު ލީކުވުމުން މި މަހު އަލުން އެ އިމްތިހާނު ބޭއްވުމާ ދިމާކޮށެވެ. 
ދިއްލީ ހައި ކޯޓުގެ ފަނޑިޔާރު ތޭޖާސް ކާރިއާ ނެރުއްވި ހުކުމުގައި ވިދާޅުވީ، އާންމުންނަށް ޓެލެގްރާމް ބޭނުންނުކުރެވޭ ގޮތަށް ބްލޮކްކުރުމުގެ އަމުރު ނެރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ.
ޓެލެގްރާމް ބޭނުންކުރާ 150 މިލިއަނަށްވުރެ ގިނަ މީހުން އިންޑިއާގައި އުޅެ އެވެ. އަދި  ގައުމަކީ ޓެެލެގްރާމްގެ އެންމެ ބޮޑު މާކެޓެވެ. މި ހުކުމާ ގުޅިގެން ޓެލެގްރާމުން އަދި އިންޑިއާ ސަރުކާރުން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ. 
 މި މައްސަލައާ ގުޅިގެން ޓެލެގްރާމްގެ ބާނީ ޕަވެލް ދޫރޯވް ކުރިން ވިދާޅުވެފައި ވަނީ މި ފިޔަވަޅުގެ ސަބަބުން، ކަރުދާސް ލީކުކުރި މީހުންނަށް އަދަބު ލިބުމުގެ ބަދަލުގައި އިންޑިއާގައި އުޅޭ، ޓެލެގްރާމް ބޭނުންކުރާ 150 މިލިއަނަށްވުރެ ގިނަ އާންމުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ބްލޮކް ކުރުމުން، ކުށްކުރާ މީހުން އެހެން އެޕްތަކަށް ބަދަލުވުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމަށް ވެސް ޕަވެލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ