އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކް އެއްވަރުވި، ތިން އަންހެން ރެފްރީން މެޗުގައި އިންސާފުކުރަން އެރި މެޗަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އެ ގޮތުން، ޗެކް ރިޕަބްލިކާއި ދެކުނު އެފްރިކާ އިން 1-1 އިން އެއްވަރުވި މެޗުގެ ރެފްރީ ކަމާއި އެސިސްޓަންޓް ދެ ރެފްރީން (ލައިންސްމަން)ގެ މަގާމު ފުރާފައިވަނީ، ފީފާ ބެޖު ހާސިލްކޮށްފައިވާ އަންހެން އޮފިޝަލުންނެވެ.
އެ ގޮތުން، ރެފްރީކަން ކުރީ އެމެރިކާގެ ޓޯރީ ޕެންސޯ އެވެ. އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވީ، ބްރޫކް މާޔޯ އާއި ކެތަރީން ނެސްބިޓް އެވެ. މި ތިން އޮފިޝަލުންނަށް ވަނީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ދަނޑުމަތީގައި އެއް ފަހަރާ އޮފިޝަލްކަން ކުރި ފުރަތަމަ ތިން އަންހެން މެޗު އޮފިޝަލުންގެ ޝަރަފް ލިބިފަ އެވެ.
ޕެންސޯ އަކީ ފީފާ ވޯލްޑް ކަޕެއްގައި އިންސާފުކުރި އަންހެން ދެ ވަނަ ރެފްރީ އަށެވެ. އެ ގޮތުން، އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕެއްގައި އިންސާފުކުރަން ފުރުސަތު ލިބިގެންދިޔަ އަންހެން ރެފްރީ އަކީ، ފްރާންސްގެ ސްޓެފަނީ ފްރަޕާޓް އެވެ.
ފްރަޕާޓަށް މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް މެޗެއްގައި ރެފްރީކަން ފުރުސަތު ލިބިގެންދިޔައިރު، މި ވޯލްޑް ކަޕްގައި ޕެންސޯ އަށް މި ވަނީ މެޗެއްގައި އިންސާފުކުރަން ފުރުސަތު ލިބިފަ އެވެ.
ޗެކް ރިޕަބްލިކުން ލީޑުނެގި މެޗުގައި، ދެކުނު އެފްރިކާ އިން އެއްވަރުކޮށްފައިވަނީ، ޗެކް ރިޕަބްލިކްގެ ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ރެފްރީ ޕެންސޯ ދިން ޕެނަލްޓީ އަކުންނެވެ.
ޕެންސޯ އަކީ އުމުރުން 10 އަހަރުގައި އާއިލާގެ ރުހުން ހޯދައިގެން ފުޓްބޯޅަ ކުޅެން ފެށި ކުޅުންތެރިއެކެވެ. އެކަމަކު، ފަހުން ކުޅުމުގެ ކެރިއަރުން އެއް ފަރާތްވުމަށް ފަހު، ރެފްރީކަން ކުރަން ފެށި އެވެ. އެމެރިކާގެ ފުޓްބޯޅައިގެ ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރި ޕެންސޯ އަށް ވަނީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕަށް ނެގި 117 އޮފިޝަލުންގެ ތެރެއިން ވެސް ފުރުސަތު ލިބިފަ އެވެ.
މީގެ ކުރިން، 2023 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލުގައި އިންސާފުކުރި ޕެންސޯ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ކުރިއަށް އޮތްތަނުގައި ގިނަ މެޗުތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އެއީ، ފުރަތަމަ މެޗުގައި އޭނާގެ ފަރާތުން ފެނުނު ނިންމުންތައް، އެ މެޗުގެ ރެފްރީސް އެސެސަރަށް ކަމުގޮސްފައިވާތީ އެވެ.
ފީފާ ވޯލްޑް ކަޕްގައި އަންހެން ރެފްރީން ފެނުނު މެޗަށް ހާއްސަ ސަމާލުކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ