ރަސްފަންނު މޫދުގައި ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ތަގައްޔަރުވުމުގެ ބޮޑު ނުރައްކަލެއް އޮތް ތަނެއްކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެރިން ބަޔޮލޮޖީ ދާއިރާއިން ޑިގްރީ ފުރިހަމަކުރަމުންދާ ދަރިވަރުން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، އެ ސަރަހައްދުގެ ފެނުގެ ފެންވަރު ހުރީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ދަށު ދަރަޖައެއްގަ އެވެ.
މި ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި ރަސްފަންނު ސަރަހައްދުގެ ފެނުގައި އީ-ކޮލައި އަދި ފީކަލް ކޮލިފޯމް ފަދަ ބެކްޓީރިއާގެ މިންވަރު ހުރީ ހުންނަންޖެހޭ މިންގަނޑަށްވުރެ މާ މަތީގަ އެވެ.
މިއީ ނަޖިސް ބޭރުކުރާ ހޮޅިތަކުން ސާފުނުކޮށް ބޭރުކުރާ ނަޖިސް ފެނާ އެކުލެވޭ ބެކްޓީރިއާތަކެއް ކަމަށްވާއިރު، މިކަމުން ދޭހަވަނީ އެ ސަރަހައްދުގެ މޫދަށް ނަޖިހުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާ ކަމެވެ. މި ބެކްޓީރިއާތަކުގެ ސަބަބުން މޫދަށް އެރޭ މީހުންނަށް އެކި ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ. 
ރަސްފަންނު ސަރަހައްދުގެ ފެން ތަގައްޔަރުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ނަޖިސް ބޭރުކުރާ މައި ހޮޅިތައް އެ ސަރަހައްދާ ކައިރީގައި ހުރުމެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ އޮއިވަރު ހުންނަ ގޮތުންނާއި ފެން ދައުރުވާ މިންވަރު ކުޑަވުމުގެ ސަބަބުން، ބޭރުވާ ނަޖިސް ބޭރު ކަނޑަށް ދިއުމުގެ ބަދަލުގައި އެ ސަރަހައްދުގައި ހަރުލާފައި ހުންނަކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މިއީ ރަސްފަންނު ހުޅުވީއްސުރެ ތަކުރާރުކޮށް ކުރިމަތިވަމުންދާ މައްސަލައެއްކަންވެސް ދިރާސާގައި ބަޔާންކޮށްފައިވެ އެވެ.
ރާއްޖޭގެ ތިމާވެށީގެ ގަވާއިދުތައް ބުނާގޮތުން ފަތުރުވެރިކަމަށް ބޭނުންކުރާ ރިސޯޓުތަކުން ކަނޑަށް ނަޖިސް ބޭރުކުރަންވާނީ އެ ތަކެތި ރަނގަޅަށް ސާފުކުރުމަށްފަހުގަ އެވެ. ސާފުނުކޮށް ނަޖިސް ބޭރުކުރުމަކީ ރިސޯޓުތަކަށް މަނާކަމެއް ކަމުގައިވީ ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ހާލަތު އޮތީ މިއާ މުޅިން ތަފާތުކޮށެވެ. އާބާދީ ބޮޑު މާލެއާއި، ބޮޑެތި ހޮޓާތަކާއި ގެސްޓްހައުސްތައް ހިންގާ ރަށްރަށުގައިވެސް ނަޖިސް ސާފުކުރާނެ ނިޒާމެއް ނެތި، ސީދާ ކަނޑަށް ނަޖިސް ބޭރުކުރެ އެވެ. 
މި ދިރާސާއިން ފާހަގަކޮށްފައިވާ ގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ނަޖިސް ސާފުކުރާނެ އެކަށީގެންވާ ނިޒާމުތަކެއް ގާއިމުނުކޮށް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ތިމާވެއްޓަށާއި އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، އާންމުން މޫދަށް އެރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް މިފަދަ ނުރައްކަލަކަށް ހުށަހެޅިފައި އޮތުމަކީ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެކެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާލޭގެ ނަޖިސް ބޭރުކުރާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ނަޖިސް ސާފުކުރުމަށްފަހު ނޫނީ ކަނޑަށް ބޭރުނުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ. 
ރަސްފަންނު ސަރަހައްދު ސަރުކާރުން ތަރައްގީކުރުމަށްފަހު މިދިޔަ ހަފްތާގައި ހުޅުވި އެވެ. ނަމަވެސް ރަސްފަންނާ ދިމާލު ބޭރުން މޫދަށް އެޅުނު ކަޅު ތެޔޮތަކެއް ރަސްފަންނަށް ވަނުމުން އެތަން މާލެ ސިޓީ ކައުންސިލުން މިހާރު އޮތީ ބަންދުކޮށްފަ އެވެ. 
ރަސްފަންނު މަރާމާތު ކުރަން ފެށީ އޭޕްރީލް 9، ގަ އެވެ. އެ މަސައްކަތުގެ ތެެރެއިން އެތަނުގައި ހަދާފައި ހުރި ބައެއް އިށީންނަ ތަންތަނާއި އާންމުން ބޭނުން ކުރާ ބައެއް އެހެން ތަންތަން މަރާމާތު ކުރުން ހިމެނެ އެވެ. 
ރަސްފަންނަށް މި ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ ބޭރު ތޮށީގައި ކެނަލްތަކެއް ހަރުކޮށް ބޮޑަށް އޮޔަ ދެމޭ ގޮތަށް ހެދުމެވެ. އެއީ މޫދު އަޑީގައި ކިސަޑު ޖެހުން ހައްލު ކުރަން ގެނައި ބަދަލެކެވެ. ކިސަޑު ގިނަވެގެން ވެސް މީގެ ކުރިން ރަސްފަންނު ބަންދު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ