އިޒްރޭލާއި ހިޒްބުﷲ އިން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ: އެމެރިކާ

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ލުބުނާނުގައި ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
މި އެއްބަސްވުމަށް އާދެވުނުކަން ހާމަކޮށްފައި މި ވަނީ، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް، ލުބުނާނުގައި އަލުން ބަދަލުކުރި ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހިޔަނިއެޅި ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ. ހަނގުރާމަ ހުއްޓާލަން އެމެރިކާއާ އެކު ހެދި އެއްބަސްވުމުގައި، އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓުވުމަކީ އީރާނުން ވަރަށް ބޮޑަށް ޝަރުތުކޮށްފައިވާ ކަމެކެވެ. 
ނަން ހާމަނުކުރުމަށް އެދިވަޑައިގެން އޭއެފްޕީ ނިއުސް އެޖެންސީއާ ވާހަކަ ދެއްކެވި އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ވޮޝިންޓަނަށް ހަވީރު 4:00 (ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00) ގައި އަމަލުކުރަން ފެށި މި ސުލްހައިގެ އެއްބަސްވުމަކީ އެމެރިކާ އާއި ގަތަރު މެދުވެރިވެގެން، އިޒްރޭލާއި އީރާނާ އެކު ކުރި މަޝްވަރާތަކަށްފަހު އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. ގަލްފް ގައުމެއްގެ ޑިޕްލޮމޭޓަކު ވެސް ވަނީ މި އެއްބަސްވުން ގާއިމުކުރެވުނުކަން އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.
ލުބުނާނުގައި އިޒްރޭލާއި ހިޒްބުﷲއާ ދެމެދުގައި ދާދިފަހުން ހިނގި ކުރިމަތިލުންތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވި އެވެ. އަދި މިކަމުގެ ސަބަބުން ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތް، ސްވިޓްޒަލޭންޑްގެ މަޝްވަރާތައް ވެސް ފަސްކުރަން ޖެހިފަ އެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ އިޒްރޭލުގެ އަމަލުތަކާ މެދު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ އިޒްރޭލު ހިމެނޭހެން "އެންމެން ފުރިހަމައަށް ހަނގުރާމަ ހުއްޓާލުމަށް" ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާތީ ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ޓްރަމްޕް ވިދާޅުވީ، ފަޅު ސަރަހައްދަކަށް ވައްޓާލާ، ގެއްލުމެއް ނެތް ދެ ޑްރޯންގެ ސަބަބުން، އޭގެ ރައްދުގައި ބައިރޫތުގައި ހުންނަ އިމާރާތްތައް ބިމާހަމަކުރަން ނުޖެހޭނެ ކަމަށެވެ. އަދި އިޒްރޭލަށް މިއަށްވުރެ ރަނގަޅަށް އަމަލުކުރެވެންވާނެ ކަމަށް ވިދާޅުވި އެވެ.
އަނެއްކޮޅުން، އެމެރިކާ އާއި އީރާނުގެ އެއްބަސްވުމަށް ފާޑުކީ އިޒްރޭލު ސަރުކާރުގެ ހަރުކަށި މިނިސްޓަރުންނަށް ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. ވެންސް ވިދާޅުވީ، މިވަގުތު ދުނިޔޭގައި އިޒްރޭލަށް ހަމްދަރުދީވާ ހަމައެކަނި ދައުލަތުގެ ވެރިޔަކީ ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.
"އަޅުގަނޑު އިޒްރޭލުގެ ކެބިނެޓްގައި ހުރި ނަމަ، ދުނިޔޭގައި ބާކީ އޮތް އެކުވެރި ބާރުގަދަ ބައިވެރިޔާއަށް މިގޮތަށް ހަމަލައެއް ނުދޭނަން،" ވައިޓް ހައުސްގެ ބްރީފިންއެއްގައި ވެންސް ވިދާޅުވި އެވެ.
ހަމައެއާ އެކު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ވާހަކައަށް ރައްދުދެއްވަމުން ޓްރަމްޕް ވަނީ، އެމެރިކާއިން މި އެއްބަސްވުން ގާއިމުކުރީ މަޖުބޫރުވެގެން ނޫން ކަމަށާއި، ބާރުތައް ބޭނުންކޮށްގެން އީރާނު ކުޑަކަކޫ މައްޗަށް ތިރިކުރުވީ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ދިއުމަށް މަސައްކަތްކުރާއިރު، އީރާނަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ، 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހެދުމަށް މި އެއްބަސްވުމުގެ ދަށުން ނިންމުމުން އެމެރިކާގެ ދެ ޕާޓީގެ މެންބަރުން ވެސް ފާޑުކިޔަމުންދެ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ފާޑުކިއުންތަކަށް ރައްދުދެއްވައި، މިހާރު އީރާނުގެ ބާރު ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ