ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ ކަމަށާއި، އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބަދަހި ސިޔާސީ ޕާޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ، ޕީއެންސީ ބައިބައިވެއްޖެ ކަމަށާއި މިއީ ރައީސް މުއިއްޒު ލީޑާޝިޕުން ދުރުކުރަންވީ ވަގުތު ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކައް ރައްދު ދެއްވައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ބައިބައި ކުރުމުގެ މަގްސަދުގައި އެކި ކަހަލަ ވާހަކަތައް ދައްކައިގެން ކާމިޔާބު ނުވާނެ ކަމަށެވެ. ޕީއެންސީއަކީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއްކަން ފާހަގަކުރައްވައި، އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ވަރަށް ގަދަކޮށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއިން ޕީއެންސީގެ ލީޑާޝިޕާއި ބެހޭގޮތުން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ބަދަހި ޕާޓީ ކަމަށެވެ. އަދި ބޭރުގެ ނުފޫޒުތަކާއި ބަޔަކު ދައްކާހާ ވާހަކައަކުން ޕާޓީގެ ސަފުތަކަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.
ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ، ޕާޓީ އޮތީ ބަދަހިކޮށް: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ