ދިވެހި މަސްވެރިންގެ އަދަދު މަދުވުމާ ގުޅޭގޮތުން ނޫސްވެރިއެއްގެ ސުވާލު އަމާޒުވުމުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރު މުހައްމަދު މުއިއްޒު ގޯސްކުރައްވައިފި އެވެ.
ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ މަސްވެރިކަމުގައި އުޅޭ ދިވެހިންގެ އަދަދު މަދުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ގިނަ އަދަދެއްގެ ޒުވާނުންނަށް ސަރުކާރުގެ ކުންފުނިތަކުން އަދި ވަކިން ހާއްސަކޮށް ފެނަކައިން ވަޒީފާ ދީފައި ވެއްދުމުގެ ސަބަބުން ކަމަށެވެ.
"މިކަން ހަގީގަތުގައި ދިމާވެފައި މިއޮތް ގޮތަކީ އަޅުގަނޑަށް ގަބޫލުކުރެވެނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް ފެނަކައަށް ރަށްރަށުގައި މަސައްކަތްކުރަމުންދިޔަ ޒުވާނުން، މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުންތައް ވަޒީފާ ދީފައި ވެއްދީމަ،" މުއިއްޒު ވިދާޅުވި އެވެ.
"ވަރަށް ފަސޭހަ އާމްދަނީއެއް އެއީ ރަށުގައި ހުރެގެން ގޭގައި ހުރެގެން ހެޔޮވަރު ވަރެއްގެ މުސާރައެއް ލިބެންޏާ ވަރަށް ފަސޭހަވާނެ އެގޮތް ހިޔާރުކުރަން. އެހެންވީމަ އެގޮތަށް މިދިޔަ ސަރުކާރުގައި ތެރޭގައި ފެނަކައަށް ހާއްސަކޮށް ވަރަށް ބައިވަރު، އެތައް ހާސް ބަޔަކު ވެއްދި."
މުއިއްޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އޭގެ ގެއްލުން ލިބި، މަސްވެރިން ނުލިބިގެން ބައެއް މީހުން މަސް ދޯނިތައް ވިއްކާވެސްލި ކަމަށެވެ.
ނަމަވެސް މި ސަރުކާރުން އެކަންކަން ހައްލު ކުރުމުގެ މަސައްކަތްކޮށް، ކުންފުނިތަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ލައިގެން އެހެން މުވައްޒަފުން ވަކިކުރަނީ އިގްތިސޯދަށް އޭގެ ފައިދާ ކުރާނެތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ސަރުކާރުގެ ކުންފުނިތަކަށް އަދި އެކި އިދާރާތައް އެތައް ހާސް މުވައްޒަފުން ނަގާފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ މަސްވެރިން ހިމެނޭކަން ފާހަގަކުރެވެ އެވެ. އެއާއެކު ސަރުކާރުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މިހާރު އަންނަނީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްވެރިން އަދަދު މަދުވަމުންދާތީ އެކަމަށް ހާއްސަ ސާވޭއެއް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަދާނެ ކަމަށެވެ.
ދިވެހި މަސްވެރިން މަދުވުމުން މުއިއްޒު ގޯސްކުރީ ނިމިދިޔަ ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ