މަސް ގަންނަ އަގު 20ރ. ގައި ހިފެހެއްޓުމަކީ އަމާޒެއް: ރައީސް
އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށާއި އެ ސިނާއަތުގައި އުޅޭ މީހުން މަދުވީ އެތައް ބަޔަކަށް ވަޒީފާތައް ދީފައި ހުރުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގައި "މިހާރު" އަށް ހާއްސަކުރި އެޕިސޯޑްގައި ރައީސް ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދޭން ސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ މާކެޓް ރޭޓާ އެއްވަރަށް އަގު ފްލޯޓްކޮށްލުން ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަގު ފްލޯޓް ކޮށްލި އިރު މަސްކިލޯއެއް 16ރ. އަށް ހުރި ނަމަވެސް މިހާރު އެ އަގު 20.ރ އަށް މަތި ކޮށްފައިވާތީ އެ ރޭޓްގައި ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން އުއްމީދުކުރަނީ، އަޅުގަނޑުމެން އެންމެ ބޭނުންވާ ރޭޓްގައި 20 ރުފިޔާ އެންމެ ކުޑަމިނުން ލިބޭ ވަރުގައި ހިފެހެއްޓޭނެ ގޮތްތައް ރޭވޭނެ ކަމަށްް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން މަދުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ބަޔަކަށް ވަޒީފާތައް ދީފައި އޮތުމުންނެވެ. އެކަން ބަދަލުކޮށް، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން އިތުރުކުރައްވާނެކަން ދޭހަވާ މޭރުމަކުން އެ މަނިކުފާނު ވާހަކަދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ