ދައުލަތަށް ޑޮލަރުން އާމްދަނީ ލިބުނު ނަމަވެސް، ދަރަނި އަނބުރާ ދެއްކުމަށާއި އެހެނިހެން ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ މި ސަރުކާރުގެ ނަގާބިލުކަމުގެ މިސާލެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދަޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ކުރި ސުވާލަކަށް ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒަކީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށާއި، އެމަނިކުފާނު މިހާރު ހުންނެވީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސްޓްރެޓަޖީތަކާއި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކުރިއަށްދާނެ ގޮތާ މެދު ރަނގަޅަށް ވިސްނާވަޑައިގަތުމުގެ ގާބިލުކަން ރައީސް މުއިއްޒުގެ ކިބައިގައި ނެތެވެ. މިއީ މަގުބޫލުކަން ގެއްލިފައިވާ ސަރުކާރެއްގެ ގޮތުގައި، ތަކުރާރުކޮށް ސިފަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންނާއި، ޕާޓީގެ ލީޑާޝިޕާއި ވެސް އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އޭގެ ސަބަބުން ގައުމުގައި ކަންކަން ހިނގަމުންދާ ގޮތާއި އަމަލުކުރައްވާނެ ގޮތެއްވެސް ރައީސަށް އިނގިވަޑައިނުގަންނަވާ ކަމަށެވެ.
ހާއްސަ ގޮތެއްގައި ރައީސް މުއިއްޒުގެ ބޭވަފާތެރިކަން އެނގެނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ދޭތެރޭ ކަންތައް ކުރެއްވި ގޮތުންނާއި، ޣައްސާން މައުމޫން ޑިފެންސް މިނިސްޓަރުކަމުން ވަކިކުރައްވައި އަމަލުކުރެއްވި ގޮތުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިފަދަ ބޭވަފާތެރިކަމުގެ އަމަލުތައް ދިވެހި ރައްޔިތުން ދުވަހަކު ވެސް ބަލައިނުގަންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ރައީސް މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައިކަމަށެވެ.
ދަރަނީގެ މައްސަލައަކީ ސަރުކާރު އަޅުގަނޑުމެންނާ އެކުގައި އިށީނދެ ވާހަކަދައްކައިގެން ހައްލެއް ހޯދަންޖެހޭނެ މައްސަލައެއް. އެހެން ނޫންނަމަ ގައުމު ވަރަށް ހިތާމަވެރި ހާލަތަކަށް ގޮސްދާނެ
އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލަންކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކަށް ރައީސް ނަޝީދު ވިދާޅުވީ، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އެއްވެސް ބަޔަކު މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭ ކަމަކީ، އެމަނިކުފާނުގެ އަމަލުތައް ހުރި ގޮތުން ސަރުކާރު އަމިއްލައަށް ވެއްޓުމުގެ ފުރުސަތު ބޮޑުވުންކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާފައިވާއިރު، އެ އަގު ތިރިކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ދައުލަތަށް ޑޮލަރުން އާމްދަނީ ލިބުނު ނަމަވެސް، ދަރަނި އަނބުރާ ދެއްކުމަށާއި އެހެނިހެން ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ދަރަނި މިހާ ބޮޑުވީ ކޮން ބައެއްގެ ސަބަބުންތޯ ބެލުމަށްވުރެ، މިވަގުތު މުހިންމީ އެކަން އޮތް ހަގީގަތް ގަބޫލުކޮށް ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދިނުމެވެ.
އިރެލެވަންޓް ކަމެއް ކާކުތޯ އެކަން ކުރި ވީވަގުތު. ކޮންމެ މީހަކު އެކަން ކުރިނަމަވެސް، އެކަން އެއޮތީ ވެފަ. ދިވެހިރާއްޖެ މިއޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ. ދެން އެކަމަކަށް އިންކާރެއް ނުކުރެވޭނެ
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދަރަނި ބޮޑުވީ ކާކުގެ ސަބަބުންތޯ ކުރާ ބަހުސަކަށް ދާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެއީ ވަކި ބަޔަކު ކުރި ކަމެއްގެ ގޮތުގައި ބުނެ އަޑުގަދަ ކުރި ނަމަވެސް، ދަރަނީގެ ހަގީގަތް ބަދަލު ނުވާނެކަމަށް ވިދާޅުވި އެވެ.
ދަރަނީގެ މި ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ހައްލު ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުހިންމީ ދަރަނިވެރިވެފައިވާކަން ގަބޫލުކޮށް، އެކަމުން ސަލާމަތް ހޯދުން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ