މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން، ފުލުހުންނަށް ރިޝްވަތު ހުށަހެޅި މީހަކު ދެ އަހަރަށްވުރެ އަހަރާއި ހަތަރު މަހާއި ނުވަ ދުވަހަށް ޖަލަށްލުމަށް ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ޖަލު ހުކުމެއް އިއްވާފައިވަނީ ހދ. ނޮޅިވަރަމް، ގުލްބަކާގޭ، އަހްމަދު ޟިރާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ. އެރޭ ނޮޅިވަރަމަށް އައި ލޯންޗަކުން ޟިރާން ފޭބުމަށްފަހު އުޅުނު ގޮތުން، އެވަގުތު ރަށު ތެރެ ޕެޓްރޯލްކުރަން އުޅުނު ދެ ފުލުހަކަށް އޭނާއާ މެދު ޝައްކު ކުރެވުނެވެ. ފުލުހުން އޭނާއާ މެދު ސަމާލުވެގެން ތިއްބާ، އޭނާ ގެންގުޅުނު އެއްޗެއް އެއްލާލިތަން ފުލުހުންނަށް ފެނިފައިވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވާ ގޮތުން، އެ އެއްލާލި ތަކެއްޗަކީ މަސްތުވާތަކެތި ކަމަށާއި، އެއީ އޭނާގެ އެއްޗެއް ކަމަށް އިއުތިރާފުވެ، އެ ތަކެތި މޫދަށް އެއްލާލައިފިނަމަ ބަދަލުގައި ފުލުހުންނަށް ފައިސާ ދޭނެ ކަމަށް ބުނެ ޟިރާން ވަނީ ރިޝްވަތު ހުށަހަޅާފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި ޟިރާން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އޭނާ ވަނީ ކުށަށް އިއުތިރާފުވާތީ އެންމެ ކުޑަ އަދަބެއް ދިނުމަށް އެދިފައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން، މި މައްސަލަ ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މިދިޔަ ހޯމަ ދުވަހު ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، ޟިރާންގެ މައްޗަށް ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ނަމަވެސް، މި މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ހުރި 15 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމަށްފަހު، މިހާރު އޭނާ ތަންފީޒުކުރަން ޖެހޭނީ ދެ އަހަރާއި ހަތަރު މަހާއި ނުވަ ދުވަހުގެ ޖަލު އަދަބެކެވެ.
ފުލުހުންނަށް ރިޝްވަތު ހުށަހެޅި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ